މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީއިން (އެމްޑަބްލިއުއެސްސީ) ން ނ. މާޅެންދޫގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހްކޮށްފިއެވެ.
ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއަރމަން އަހުމަދު މައުސޫމް އާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައެވެ.
އެމްޑަބްލިއުއެސްސީން ބުނީ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންދެވިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ހޮޅިވަޅުލުމުގެ މަސައްކަތްކަމަށެވެ. އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ 26 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މާޅެންދޫގައި ގާއިމު ކުރެވޭ ނަރުދަމާ ނިޒާމުގެ ދަށުން 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރާނެއެވެ. 1 ކިލޯ މީޓަރުގެ ޕާންޕިން ލައިން އެޅުމަށް ނިންމާފައިވާއިރު، ނަރުދަމާގެ އިދާރީ ބިލްޑިންގް އިމާރާތް ކުރުމާއި، 2 ޕަންޑިން ސްޓޭޝަނާއި އަދި އައުޓް ފޯލް ގާއިމުކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މީގެ އިތުރުން އެ ރަށުގައި 11.7 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް 250 ޓަނުގެ ތިން ތާންގީ ބަހައްޓާނެއެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.
ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރާއި ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް ފޯރުކޮށްދޭނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
22 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މިމަޝްރޫއަށް 42.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެ ކުންފުނިން ބުންޏެވެ.