އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވުރެ މާ ތަނަވަސް އަގުލަބިއްޔަތަކުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުކުރުދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ނިމިދިޔަ 19 ވަނަ މަޖިލިސް އިންތިހާބުގައި ޕޮޕިއުލާ ވޯޓުގެގޮތުގައި އެމްޑީޕީއަށް ލިބުނީ 48 އިންސައްތަ ވޯޓު ކަމަށާއި ނަމަވެސް އަމާޒަކީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ނަތީޖާ 50 އިންސައްތަ އަށްވުރެ މަތިކުރުން ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވީއެންމެ އަވަހަށް ބާއްވަންޖެހޭ ކަމަށާއި އެގޮތުން މާޗު މަހުގެ ކުރީކޮޅު އިންތިހާބު ބާއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ އިންތިހާބު އޮންނާނެ ކަމަށް ލަފާކުރެވެނީ މާޗު މަހުގެ 5 ނުވަތަ 7 ގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ލޯކަލް ކައުންސިލް އިންތިހާބު މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މި މަހުގެ 16 ވަނަ ދުވަހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް އެޑިޔުކޭޝަން މިނިސްޓްރީގެ ގިނަ ވަސީލަތްތަކެއް ބޭނުން ކުރަމުން އަންނަ އިރު، މާރޗު މަހުގެ 6 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަ ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށެވެ. އެގޮތުން، އެކަޑެމިކް ކަލަންޑަރަށް ބަލާލާއިރު 6 މާރޗަށްފަހު ޖެހިގެން އަންނަ ހަފްތާއަކީ މިޑްޓަރމް ބްރޭކްގެ ހަފްތާއަށް ވުމުން އިލެކްޝަނުން މަސައްކަތް ކުރަމުން އަންނަނީ މާރޗު މަހުގެ 6 ވަނަ ދުވަހުގެ ބަދަލުގައި 13 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ތިބޭނީ ވާދަކުރާނެ އިންތިހާބެއް ބޯމަތި ނުވެގެން ކަމަށާއި އެގޮތުން ވާދަކުރުމުގެ ފުރުސަތު ލިބިއްޖެނަމަ ކޮންމެ އިންތިހާބެއްވެސް ކާމިޔާބުކުރައްވާނެ ކަމަށެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ 114 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، އަދި އޭގެ ތެރޭގައި އެންމެ ގިނައީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.