ކުރީގެ ރައީސް ޔާމީނަށް ވެސް ވެރިން ހިފާ ހައްޔަރުކުރުމުގެ ސަގާފަތް ދޫކޮށްލުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމަށާއި، އެ މަގުން އެކަން ނުކުރެއްވިނަމަ މިއަދު ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހިވަޑައިނުގަތީސްކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ހުކުރު ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، "އާސްކް ސްޕީކާ" ފޯރަމްގައި ރައީސް ޔާމީން ޖަލަށްލާން ކުރި ހުކުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިޔާގެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، އެ ދުވަހު އެ މަނިކުފާނު ދެއްކެވި ވާހަކައިން ނޫސްވެރިންނަށް ދޭހަވީ ނުބައި މާނައެއްކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ހުންނެވީ އެ މަނިކުފާނަށް އިއްވި ޖަލު ހުކުމާ ގުޅިގެން ނޫންކަމަށް ވިދާޅުވިއެވެ.
އެގޮތުން އެ މަނިކުފާނު މި ގައުމުގައި ވެރިކަން ކުރެއްވި އިރުވެސް ބަދަލު ހިފުމާއި، ހަސަދަވެރިކަމުގެ ސިފަތައް ނުގެންގުޅުއްވިނަމަވެސް، ރައީސް ޔާމީން އަމަލުކުރެއްވީ ދިމާ އިދިކޮޅަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ، ރާއްޖޭގެ ވެރިން ހިފާ ހައްޔަރު ކުރުމުގެ ސަގާފަތް ދޫކޮށްލުމުގެ ފުރުސަތު ވެސް ޔާމީނަށް ލިބިވަޑައިގެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ހިތްވަރުކޮށްގެން އެކަން ކުރަމުން ގެންދިޔައިމޭ. ރައީސް ޔާމީން އެކަން ކުރެއްވިނަމަ މިއަދު ހަގީގަތް އޮތީހީ ވަރަށް ތަފާތުކޮށް. ރައީސް ޔާމީނަށް އަނެއްކާ ވެސް ދަންނަވަން އޮތް ވާހަކައަކީ ދެންވެސް އިރާދަކުރެއްވިއްޔާ އުފެދޭނީ އަޅުގަނޑުމެންގެ ވެރިކަމެއް. އެކަމަކު ދެންވެސް އަޅުގަނޑުމެން ކަންކުރާނީ ހަމަ ރަނގަޅަށް.އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިިކުފާނު ޖަލަށް ލުމުން، މި ވެރިކަމުގައި ރައީސް ޔާމީން ޖަލަށްލުމަކީ އެމަނިކުފާނު ބޭނުންވެެގެން ކުރި ކަމެއްކަމަށް ގިނަ ބަޔަކު ދެކޭނަމަވެސް އެއީ ކުށްހީއެއްކަމަށެވެ.
ރައީސް ނަޝީދު ވަނީ ޔާމީނުގެެ ސަރުކާރުގައި އެ މަނިކުފާނު ޖަލަށްލުމުން އެެކަމާ އޭރުގެ ސަރުކާރުން އުފާފާޅުކުރިކަމަށް ވިދާޅުވެފައެވެ. އަދި އެ މަނިކުފާނު ޖަލަށްލުމުގެ "އުފަލުގައި" ހަވާއަރުވާ ހެދިނަމަވެސް، ރައީސް ޔާމީން ޖަލަށްލުމަށް ހުކުމްކުރުމުން އެކަމާ ވީދެރައިން ކީރިތި ކުރެވުނުކަމަށް ވިދާޅުވިއެވެ.