ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 'ތަރިންގެ' އަގުވަޒަން ކުރުމަށް އަންނަ 2021 ވަނަ އަހަރު ވެބް ޕްލެޓްފޯމެއް ގާއިމުކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން 'ސްޓަރޒް އޮފް ޓުއަރިޒަމް' ގެ ނަމުގައި ވެބް ޕްލެޓްފޯމެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި މި ޕްލެޓްފޯމްގެ ދަށުން މި ދާއިރާގައި މަސައްކަތް ކުރާ ދިވެހި 'ތަރިން' ގެ އަގުވަޒަން ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން މިއަދު އަމާޒު ހިފާފައިވަނީ، ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަނދަވަޅުން ނަގައިގަތުމަށެވެ. އެގޮތުން ސަރުކާރުން އުއްމީދުކުރަނީ ކުރިއަށް އޮތް 2021 ވަނަ އަހަރު ނިމޭ ހިސާބަށް، ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ކާމިޔާބު ހާލަތަށް ގެންދެވޭނެ ކަމަށެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް އެތައް އެވޯޑުތަކެއްވެސް ލިބިފައިވާއިރު މި ކާމިޔާބީތަކުގެ ފަހަތުގައިވަނީ މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތް ކަމަށް ޓުއަރިޒަމް މިނިސްޓަރ ވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ.