ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 12:41
އެމްޓީސީސީގެ އިސްވެރިން: ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އެމްޓީސީސީގެ އިސްވެރިން: ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީން މިއަހަރު ނިންމާލާނީ 200 މިލިއަން ރުފިޔާގެ ސާފު ފައިދާއާއެކު: އާޒިމް
2021ގައި 250 މިލިއަން ރުފިޔާ، 2022ގައި 300 މިލިއަން ރުފިޔާ އަދި 2023ގައި 350 މިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދޭނެ
އެމްޓީސީސީގައި 24،000 ހިއްދާރުން އުޅޭ، ޑިވިޑެންޑްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެވިފައިވަނީ މިދިއަ އަހަރު

އެމްޓީސީސީން މިއަހަރު ނިންމާލާނީ 200 މިލިއަން ރުފިޔާގެ ސާފު ފައިދާއާއެކު ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މި ހިނގާ 2020 ވަނަ އަހަރު އެމްޓީސީސީން ނިންމާލާނީ 200 މިލިއަން ރުފިޔާގެ ސާފު ފައިދާއާއެކު ކަމަށެވެ. އަދި އެމްޓީސީސީން އަމާޒު ހިފާފައިވަނީ 2021 ވަނަ އަހަރު 250 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 300 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 350 މިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދުމަށް ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މިއަހަރު އަޅުގަނޑުމެން ނުނިންމާނަން 200 މިލިއަން ރުފިޔާއިން ދަށްކޮށެއް، އިރާދަ ކުރެއްވިއްޔާ މިއަހަރު ނިންމާނީ 200 މިލިއަން ރުފިޔާގެ ސާފު ފައިދާއާއެކު. އަދި ނިމުނީކީ ނޫން، ކުންފުނީގެ ހިއްސާދާރުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ، 2020 އެއީ 200 މިލިއަނޭ، 2021 އެއީ 250 މިލިއަނޭ، 2022 އަކީ 300 މިލިއަނޭ އަދި 2023 އަކީ 350 މިލިއަނޭ. އަޅުގަނޑުމެން އަމާޒު ހިފާފައި މިވަނީ 2023 ވަނަ އަހަރު 350 މިލިއަން ރުފިޔާގެ ސާފު ފައިދާއާއެކު ނިންމަން،
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވިދާޅުވީ، 1980 ވަނަ އަަހަރު އެމްޓީސީސީ އުފެދުނު ފަހުން، ޑިވިޑެންޑްގެ ގޮތުގައި އެންމެ ބޮޑުއެއްޗެއް ދޫކޮށްފައިވަނީ މިދިޔަ 2019 ވަނަ އަހަރު ކަމަށެވެ. އެއީ ހިއްސާއަކަށް ދެ ރުފިޔާ އެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީގެ ހިއްސާއަށް މީގެކުރިން ގެނެސްފައިވާ ބަދަލުތަކާއެކު ކުރިން 1 ހިއްސާ ގަނެފައިވާ ފަރާތްތެއްނަމަ މިހާރު އެއީ 20 ހިއްސާގެ ހިއްސާދާރެއް ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ހިއްސާއަކަށް ދެ ރުފިޔާ ބަހާފައިވާތީ، ކުރިން އެންމެ ހިއްސާއެއް އޮންނަ ފަރާތެއް ނަމަވެސް އެފަރާތަކަށް 40ރ ދޫކޮށްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ އުމްރާނީ ތަރައްގީއާ ގުޅިފައިވާ ކުންފުންޏަކަށްވާއިރު، ސަރުކާރުގެ ވަރަށް ގިނަ ބޮޑެތި މަޝްރޫއުތަކެއް ހިންގާ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވައުދުތައް ފުއްދަމުން، ކުންފުންޏަށްވެސް ގެއްލުންނުވެ، ފައިދާވާނެ ގޮތްގޮތަށް ކުންފުނީގެ މަސައްކަތްތައް ބައްޓަން ކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެމްޓީސީސީ ބާރަށް ކުރިއަށް ހިނގައިގަނެ، ކުންފުނީގެ 24،000 ހިއްސާދާރުން ހިތްހަމަޖެހޭ މިސްރާބަކަށް ކުންފުނި ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ، އެމްޓީސީސީން ރަށްތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގައި އެރަށެއްގެ ރައްޔިތުން ނެގުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ. އަދި ހާއްސަކޮށް، އެމްޓީސީސީގައި ތިބި ބިދޭސީން މުވައްޒަފުންގެ ބަދަލުގައި އެވަޒީފާތަކަށް ދިވެހިން ހޯދުމާއި ވަޒީފާތަކަށް ދިވެހި ތަމްރީން ކުރުމުގެ މަސައްކަތްވެސް ކުރަމުން ގެންދަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީއާ އާޒިމް ހަވާލުވެވަޑައިގެން، ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންކުރަމުންދާ މަހާޖައްރާފުގައި ތިބި ބިދޭސީން މުވައްޒަފުންގެ ބަދަލުގައި ދިވެހިން ވަޒީފާތަކަށް ލުމަށް މަސައްކަތް ފެއްޓެވި އެވެ. އެގޮތުން މިހާރު މަހާޖައްރާފަކީ 100 ޕަސެންޓް ދިވެހިން އޮޕަރޭޓްކުރާ އުޅަނދެކެވެ.

- ކޮމެންޓް