މި ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސްއަށް ހިނގައްޖެއެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވާ ގޮތުގައި، މިއަހަރުގެ ޑިސެމްބަރ 16އިން 31ގެ ނިޔަލަށް ކްރިމިނަލް ކޯޓު އޮންނާނީ ރިސެސްގައެވެ.
ކްރިމިނަލް ކޯޓުން ބުނީ، އެކޯޓުގެ ރިސެސްގެ މުއްދަތުގެ ތެރޭގައި ޝަރީޢަތްތައް ހިންގުން މަދުކުރި ނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވޭނެ ކަމަށެވެ. އަދި ތަޙްޤީޤުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށްވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓު ރިސެސްގަ އޮތްނަމަވެސް، އަންނަ އާދިއްތަ ދުވަހު އެކޯޓުގައި ދެ މައްސަލައެއްގެ އަޑުއެހުން ތާވަލްކޮށްފައިވެއެވެ. އެއީ އެމްއެމްޕީއާރުސީގެ ހިނާޔާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލާގައި ދައުވާކޮށްފައިވާ، ސަން އިންވެސްޓްމަންޓް ކުންފުނީގެ އަޑުއެހުމަކާއި ހިޔާނާތުގެ އެހެން މައްސަލަކާއި ގުޅިގެން މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެކެވެ.
ކްރިމިނަލް ކޯޓު ރިސެސްއަށް ދިޔައިރު، މި ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމް ކޯޓު ވަނީ ރިސެސްއަށް ގޮސްފައެވެ.