ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 05:12
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ
ރާއްޖެއެމްވީ
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ
ހިޔާގައި ތިބި ކުދިންތަކެއް ހަމަނުޖެހުން ހިންގި ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީން ދޮގުކޮށްފި
އެއީ ޑިސެންބަރު 17 ވަނަ ދުވަހު މީސް މީޑިއާގައި ދައުރުވާން ފަށާފައިވާ ވާހަކައެއް
މީސް މީޑިއާގައި ދައުރު ކުރުވަމުން ދަނީ ދޮގު މަޢުލޫމާތެއްކަމަށް ބަޔާން ކޮށްފައިވޭ
ޝެއަރ ވަރކަރއެއްގެ ގައިގައި އަލިފާން ރޯކޮށްލާފައި ވާކަމަށްވެސް ވާހަކަ ފެތުރުނު

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ހަމަނުޖެހުން ހިންގި ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސައިން ދޮގުކޮށްފިއެވެ.

އެކަން ދޮގުކޮށްފައިވަނީ ހުކުރު ދުވަހު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން އެކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ. އެގޮތުން ބަޔާނުގައި ބުނެފައިވަނީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގާ ދިޔަ ހާދިސާއެއްގެ ވާހަކަ ޑިސެންބަރު 17 ވަނަ ދުވަހު މީސް މީޑިއާގައި ދައުރުވާން ފަށާފައިވާ ކަމަށެވެ.

އޭގެއިތުރުން ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންތަކެއް ހަމަނުޖެހުން ހިންގައި، ކުޑަކުދިންގެ ހިޔާގެ ޝެއަރ ވަރކަރއެއްގެ ގައިގައި އަލިފާން ރޯކޮށްލާފައި ވާކަމަށް ބަޔާންކޮށް މީސް މީޑިއާގައި ދައުރު ކުރުވަމުން ދަނީ ދޮގު މަޢުލޫމާތެއްކަމަށް ބަޔާން ކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު)ގެ 10 ވަނަ މާއްދާގެ (ހ)ގައި ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި، އާއިލާގެ ފަރާތުންނާއި، މުޖުތަމަޢުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއް ކަމުގައި ބަޔާން ކޮށްފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިއްވަރު ދިނުމަކީ މަނާ ކަމެއްކަމުގައި ފާހަގަކޮށްފައިވެއެވެ.

އެ ސަރވިސް އިން ވަނީ އެގޮތަށް އެއްވެސް ފަރާތަކުން އަމަލު ކޮށްފިނަމަ، އެކަން ތަހުޤީޤުކޮށް އެކަމުގެ ކުޑަބޮޑު މިނަށް ބަލާ، ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާފަދަ މަޢުލޫމާތު، މީސް މީޑިއާގައި އާންމުކުރާނަމަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

- ކޮމެންޓް