ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 21:32
އައްޑޫ ސިޓީގައި ހިންގަމުންދާ އައްޑޫ ފްލައިންގ ސްކޫލްގެ ފްލައިޓެއް
އައްޑޫ ސިޓީގައި ހިންގަމުންދާ އައްޑޫ ފްލައިންގ ސްކޫލްގެ ފްލައިޓެއް
އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސް
ފްލައިން ސްކޫލުގެ މައްސަލަ
ފްލައިން ސްކޫލުން ވަކި ކުރުމަށް ދީފައިވާ ނޯޓިސްތައް ބާތިލުކުރަން އަންގައިފި
ޑޮލަރުން ފީ ނެގުން ހުއްޓާލުމަށް ވަނީ އަންގާފަ
އޮޑިޓްތަކާއި ތަހުގީގުތަކުގެ އަލީގައި ހައްލުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނި

މިހާތަނަށް އައްޑޫ ފްލައިންގ ސްކޫލުން ވަކި ކުރުމަށް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލު ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން އަންގައިފިއެވެ.

މިނިސްޓްރީން މިގޮތަށް އަންގާ، ބަޔާނެއް ނެރެފައިވަނީ ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ އެ ސްކޫލުގެ ދަރިވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ތަފާތު އެކި ހުށަހެޅުންތައް ހުށައަފައިވަނިކޮށެވެ. މިކަމާއި ގުޅިގެން ފްލައިން ސްކޫލުގެ ދަރިވަރުން އަންނަނީ "އޭއޭއޭ ސްޓޫޑަންޓް ޔުނިއަން" ގެ ނަމުގައި ޓްވީޓާ އެކައުންޓެއް ހަދައި، ދަރިވަރުންނަށް އިންސާފު ހޯދުމަށް ގޮވާލައި އެކި ޓްވީޓް ކުރަމުންނެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލުކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި މިގޮތަށް ސްކޫލުން އަމަލުކޮށްފައިނުވާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ ދަރިވަރންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމެއް ނޫން ކަމަށައި ރާއްޖޭގެ ކަމާ ބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ކުރުމަށް އެ ސްކޫލަށް އަންގާފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ތަމްރީންތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާއްމުކޮށް ފެންނަން ހުންނާނޭ ގޮތަށް ޕަބްލިޝް ކުރުމަށް ވެސް އަންގާފައިވާ ކަމަށެވެ. ދަރިވަރުންގެ ގައުމާއި ނަސްލުގެ ސަބަބުން ތަފާތުކުރުން ގެންގުޅޭ ނަމަ، އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓުކުރަމުން ގެންދިއުމަށް މިނިސްޓްރީން ވަނީ ދަރިވަރުންނަށް އިލްތިމާސްކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ބަޔާނުގައި ވަނީ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ޕްރިލިމިނަރީ އެސެސްމެންޓަށް ރިއާޔަތް ކުރާއިރު ހުރިހާ ދަރިވަރުންނަށް އެންމެ އިންސާފުވެރިގޮތަކީ ކޮންމެ ދަރިވަރެއްގެ ކޭސްވެސް ވަކި ވަކިން ބަލާ، ކޮންމެ ދަރިވަރަކަށްވެސް ދިމާވެފައިވާ މައްސަލަތަކުގެ ހާލަތާއި ދަރަޖަ ދެނެގަނެ، އެ ކުއްޖާގެ ހާލަތާއި ގުޅޭ ހައްލުތައް ހޯދާދެމުން ގެންދިއުން ކަމަށެވެ.

މިނިސްޓްރީން ބުނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދަރިވަރުންގެ ފަރާތުން އޮތޯރިޓީއަށް ޝަކުވާ ހުށައެޅުމާއިއެކު ކަމާ ގުޅޭ އޮޑިޓްތަކާއި ތަހުގީގުތަކުގެ އަލީގައި ހައްލުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް