ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރައްވަން ވަޑައިގެންނެވުމަށް ޕީސީއާރް ޓެސްޓް ހަދަންޖެހޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގުމުން އެކަމާ ދެކޮޅު ހެއްދެވުމަށްފަހު، ޔާމީންގެ ވަކީލުންގެ ޓީމުން އެންމެ ފަހުން މާފުށީ ޖަލަށް ވަޑައިގެން އެމަނިކުފާނާއި ބައްދަލުކޮށްފިއެވެ.
މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންގެންދާ ކުރީގެ ރައީސް ޔާމީންގެ ވަކީލުން މާފުށީ ޖަލަށް ވަޑައިގެން އެމަނިކުފާނާއި ބައްދަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.
ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ޤާނޫނީ ވަކީލުންނާ ބައްދަލުވުންވެސް، މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީނަށް އޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށް ވެފައި ކަމަށާއި މި މަހު 6 ވަނަ ދުވަހު ކޯޓުގައި އޮތް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރުވި ގައިރު ޤާނޫނީ ހުރަސްތަކަށްފަހު އަލުން ބައްދަލުވުންތައް ފެށިފައިވާ ކަމަށެވެ. އަދި މިއީ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު ކަމެއް ކަމަށް ޖަމީލް ކުރެއްވި ޓްވީޓުގައިވެއެވެ.
ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ރައީސް ޔާމީނުގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރުމަށް ދަތިތަކެއް ހުރި ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ، ވަކީލުންނަށް މާފުއްޓަށް ގޮސް އެމަނިކުފާނާ ބައްދަލުކުރައްވަން އުދަނގޫނަމަ އެމަނިކުފާނު މާލެ ޖަލަށް ގެނެސްދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މީގެ ކުރިން ވިދާޅުވެފައި ވަނީ، ޕީސީއާރް ޓެސްޓް ހަދައިގެން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރައީސް ޔާމީނާއި ބައްދަލުކުރައްވަން ވަޑައިގެންނެވުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދެކޮޅުހައްދަވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީން މާލެ ޖަލަށް ގެނެސްދީގެން ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދިނުމަށް ކަރެކްޝަންސް އިން އޮތީ ތައްޔާރަށް ކަމަށެވެ.
ރައީސް ޔާމީން އާއި އެމަނިކުފާނުގެ ވަކީލުން ބައްދަލުކުރުމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ހޯމް މިނިސްޓްރީން އަދި ކަރެކްޝަންސް އިން ނުކުރާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން މާލެ ޖަލަށް ރައީސް ޔާމީން ގެނަސް ވަކީލުންނާއި ބައްދަލުކުރެއްވުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ކަރެކްޝަންސް އިން ތައްޔާރަށް އޮތްކަމަށް ފާއިތުވި ބުދަ ދުވަހު ލިޔުމުން ރައީސް ޔާމީންގެ ވަކީލުންނަށް އަންގާފައިވާނެ ކަމަށާއި އެހެން ނަމަވެސް އެކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ޖަވާބެއް ލިބިފައިނުވާ ކަމަށްވެސް ސީޕީ އަހުމަދު ވަނީ ވިދާޅުވެފައެވެ.
ސީޕީ އަހުމަދު ވަނީ އެއްވެސް ގައިދީއަކަށް އަދި ބަންދު މީހަކަށް ގާނޫނީ ލަފާހޯދުމުގެ ފުރުސަތަށް ނުވަތަ ވަކީލުންގެ ބައްދަލުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.