ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވެ ރިކަވަރީ ރޭޓް 95 އިންސައްތައަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމަތުތައް ދައްކާ ގޮތުން ރާއްޖޭގެ ރިކަވަރީ ރޭޓް ހުރީ 95.39 އިންސައްތައިގައެވެ. ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13،402 މީހުންނެވެ. މީގެ ތެރެއިން 12،784 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ކޭސްތައް ދަށްވެފައިވާ އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވަ ދެމުން އަންނަ މީހުންގެ އަދަދާއި އެކްޓިވް ކޭސްގެ އަދަދު ވެސް ދަނީ ދަށްވެފައެވެ.
އެގޮތުން 562 އެކްޓިވް ކޭސް ހިމެނޭ އިރު މީގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 54 މީހަކަށެވެ. އެއީ ޕޮޒިޓިވްވި މީހުންގެ 9.61 އިންސައްތަ މީހުންނެވެ. އެކްޓިވް ކޭސްގެ ޖުމްލަ އިންސައްތައަކީ 4.19 އިންސައްތައެވެ. ރާއްޖޭގައި ބަލިޖެހިގެން ނިޔާވެފައިވަނީ 48 މީހެކެވެ.
ރާއްޖޭގެ ކޭސްތަކަށް ބަލާ އިރު އެންމެ ގިނައީ ދިވެހިންނެވެ. މިހާތަނަށް 8,457 ދިވެހިން ވަނީ ޕޮޒިޓިވްވެފައެވެ. 3,276 ބަންގުލަދޭޝް މީހުން މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 781 މީހަކާއި، ލަންކާއަށް ނިސްބަތްވާ 356 މީހަކާއި، ނޭޕާލަށް ނިސްބަތްވާ 157 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރަޝިއާއާއި ޗައިނާއިން 41 މީހަކު ޕޮޒިޓިވްވެފައިވާ އިރު އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 293 މީހަކު ރާއްޖޭގައި ވަނީ ޕޮޒިޓިވްވެފައެވެ.