ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 12:31
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ޔޫސުފް ސޮފްވާން ރަޝީދު
ދިވެހިންނަށް ވެސް ރިސޯޓަށް ދެވުން
ރާއްޖެއިން ބޭރުން މާލެ ސަރަހައްދަށް އަންނަ ދިވެހިން ކަރަންޓީނުވާން ނުޖެހޭގޮތަށް އުސޫލު ބަދަލުކޮށްފި
10 ދުވަހުގެ މުއްދަތަށް ގޭގައިވެސް މާސްކު އަޅައިގެން އުޅުމާއި ގޭގައި އެކަހެރިވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފަ
ދަތުރުފަށާ ބަދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭ
ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންގެންދާއިރު، ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު ވަނީ ދަށްވެފަ

ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެއަށް) އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނަށް ބަދަލު ގެނެސްފިއެވެ.

ބުދަ ދުވަހު އާއްމުކުރި މި އުސޫލުގައި ވާގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހުނު ކަމަށްވީ ނަމަވެސް 10 ދުވަހުގެ މުއްދަތަށް ގޭގައިވެސް މާސްކު އަޅައިގެން އުޅުމާއި ގޭގައި އެކަހެރިވެ ތިބުމަށް އިލްތިމާސްކޮށްފައިވެއެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރުން އައިސް ރަށްރަށަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި މާލެ ސަރަޙައްދަށް އަންނަ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހެއެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ޓެސްޓްހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސް އުސޫލުގައިވެއެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދަތުރުފަށާ ބަދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި 1 އަހަރުން ދަށުގެ ކުޑަކުދިން މިކަމުން އިސްތިސްނާވާނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި އުސޫލު އާއްމުކުރާއިރު ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު މާލެ ސަރަހައްދުގައި ކަރަންޓީނުވެ ތިބި ފަރާތްތައް ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.

ކޮވިޑް ކޭސްތައް ރިޕޯޓްކުރާ މިންވަރު ދަށަށް ގޮސްފައިވާއިރު، އެޗްޕީއޭއިން އަންނަނީ ކޭސްތަކުގެ އަދަދު ދަށަށްދާން ފެށުމާއެކު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަށް ދެމުންނެވެ. އެގޮތުން ކުރިން ކަރަންޓީންގެ މުއްދަތު 14 ދުވަހަށް އޮތް ނަމަވެސް، އެ މުއްދަތުވެސް ވަނީ 10 ދުވަހަށް މަދުކޮށްފަ އެވެ. އަދި މާލެ ސަރަހައްދު ހުޅުވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން މި މަހުގެ 14 ވަނަ ދުވަހު ވަނީ މާލެ ސަރަހައްދުގެ ގެސްޓުހައުސްތަކަށް ހުއްދަ ދިނުމުގެ މަސައްކަތް ފަށާފަ އެވެ.

- ކޮމެންޓް