ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 07:18
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މާރިއާ އަހްމަދު ދީދީ ރާއްޖެޓީވީ ސްޓާފް އެވޯޑްސް ނައިޓްގައި ވާހަކަފުޅު ދައްކަވަނީ
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މާރިއާ އަހްމަދު ދީދީ ރާއްޖެޓީވީ ސްޓާފް އެވޯޑްސް ނައިޓްގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެޓީވީ ސްޓާފް އެވޯޑްސް 2020
ސައްހަ މައުލޫމާތު ގެނެސްދޭން ރާއްޖެޓީވީގެ ޓީމުުން ދެއްކި ހިތްވަރަށް މިނިސްޓަރ މާރިޔާގެ ސެލިއުޓް
ރައްޔިތުންގެ ހައްގު ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއްބަޔަކީ ރާއްޖެޓީވީ
ރާއްޖެޓީވީގެ މަސައްކަތް ފެނިފައި ލަގޮނޑިއަށް ކެތް ނުވެގެން ބަޔަކު ރާއްޖެޓީވީގައި ހުޅުޖެހި ނަމަވެސް ހިތްވަރަށް ކުޑަވެސް ބަދަލެއް ނާދޭ
މިނިވަން ނޫސްވެރިކަމާއި ރައްޔިތުންގެ ހިމާޔަތުގައި ރާއްޖެޓީވީ ދެމިއޮންނާނެ

ރާއްޖޭގެ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކާއި މިނިވަންކަމަށް ބަޔަކު ފާޅުގައި ފައިން އަރައި މުގުރަމުން ދިޔަ ދަތިއުނދަގޫ ދުވަސްތަކުގައި ދެގޮތެއްނުވެ ރާއްޖެޓީވީގެ ޓީމުން ދެއްކި ހިތްވަރާއި ކެރުމާއި ސާބިތުކަމަށް ސެލިއުޓްއަރުވާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ސްޓާފް އެވޯޑްސް 2020 ވަނަ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިއާ ވަނީ 2012 ވަނަ އަހަރު ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު ރައްޔިތުންގެ މައްޗަށް ވެރިވެގަތް ވަގުތު ރައްޔިތުންގެ ހައްގު ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއްބަޔަކީ ރާއްޖެޓީވީ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރެވުނު މަސައްކަތުގައި އެބޭފުޅުންގެ ގަޔަށް އޮއްސާލި ކޮންމެ ޕެޕާ ސްޕްރޭ ފުޅިއަކަށް ފުޅިއެއް، އެބޭފުޅުންގެ ގަޔަށް ޖަހަން ވީއްލާލި ކޮންމެ ލަޓިބުރިއަކުން އެރި ގުއްޓަކަށް ގުއްޓެއް، ރާއްޖެޓީވީގެ ނޫސްވެރިންނާއި ކެމެރާމަނުންގެ ގަޔަށް އަރާތަން ވަރަށް ގާތުން ފެނުނު ކަމަށެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ މަސައްކަތް ފެނިފައި ލަގޮނޑިއަށް ކެތް ނުވެގެން ބަޔަކު ރާއްޖެޓީވީގައި ހުޅުޖެހައި، ރާއްޖެޓީވީގެ އިމާރާތް އަނދާ ހުލިއަށް ވެގެން ދިޔަ ނަމަވެސް ރާއްޖެޓީވީގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ރާއްޖެޓީވީގެ މަސައްކަތް ދިޔައީ ކުރިއަށް ކަމަށް ފާހަގަކުރައްވާފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން ނައްތާލުމަށް ކުރެވުނު މަސައްކަތުގެ ޝިކާރައަކަށް ރާއްޖެޓީވީ ވެގެން ދިޔަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ރާއްޖެޓީވީގެ ސްޓާފުން އެކި ފަހަރު މަތިން މުއްދަތެއް ނެތް ގޮތަށް ބަންދުކޮށް، އެކި އެކި ގޮތްގޮތުން އަނިޔާލިބި ރާއްޖެޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވިގެން ދިޔަ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ހައްގަށް ލޯބިކުރާ ރައްޔިތުންނާއި ހެޔޮއެދޭ ފާރާތްތަކުގެ އެހީގެ ސަބަބުން ރާއްޖެޓީވީ ހިދުމަތް ހުއްޓައެއް ނުލެވުނުކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިނިވަން ނޫސްވެރިކަމުގެ ހައްގުގައި އަދި ރައްޔިތުންގެ ހިމާޔަތުގައި ރާއްޖެޓީވީގެ އިހުލާސްތެރި ހިދުމަތް ރައްޔިތުންނަށް ލިބޭނެ ކަމަށް ޔަގީންކުރައްވަކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް