ފްރެޝްވޯޓާރ އެކްޝަން ނެޓްވޯކް ސައުތު އޭޝިއާ (ފަންސާ) ގެ ރާއްޖޭގެ ޗެޕްޓަރ އިފްތިތާހުކޮށްފިއެވެ.
އަންގާރަ ދުވަހު ވާޗުއަލްކޮށް ބޭއްވި ޖަލްސާއެއްގައި ފަންސާ މޯލްޑިވްސް އިފްތިތާހުކޮށްދިނީ މިނިސްޓްރީ އޮފް އެންވައިރަންމެންޓުގެ ފަރާތުންނެވެ. މި ޖަލްސާގައި ސަރަހައްދީ ފަންސާގެ އިސްފަރާތްތަކާއި، ޑަބްލިޔުއެޗްއޯ އާއި ރާއްޖޭގެ ހިއްސާދާރުންގެ ތެރެއިން ވޯޓަރ ކެއަރ އާއި ލިވް އެންޑް ލާރން އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް ހިމެނޭ ޕެނަލްއަކުން، މިކަމާބެހޭ މައުލޫމާތު ވަނީ ދެއްވާފައެވެ. އަދި ރާއްޖޭގެ ފަންސާގެ މަސައްކަތުގެ ސްކޯޕާ، ހަރަކާތްތެރިވާނެ ދާއިރާގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
އެގޮތުން ފަންސާއިން އެންމެ އިސްކަންދޭ ކަމަކީ މި ސަރަހައްދުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގަޔާއި އަދި އާއްމުންގެ މެދުގައި ފެނާއި ސާފުތާހިރުކަމާއި ސިއްހަތާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުވުމާއި ވަކާލާތުކުރުމުގެ ޕްލެޓްފޯމެއް އުފެއްދުމަށް ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ފެނާ ނަރުދަމާ އާއި ސިއްހަތު އަދި ސާފުތާހިރުކަމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ ބާރުވެރިކަން އިތުރުކޮށް ހަރުދަނާ ކުރުމަށް ފަންސާއިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
ފްރެޝް ވޯޓަރ އެކްޝަން ނެޓްވޯކް ސައުތު އޭޝިއާ، ނުވަތަ ފަންސާ، އަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ޖަމިއްޔާ ޖަމާއަތް ހިމެނޭ ނެޓްވޯކެކެވެ. މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ސަރުކާރުތަކުން އެ ގައުމުތަކުގެ ރައްޔިތުންނަށް ސާފު ބޯފެން ކަށަވަރު ކޮށްދޭން އެއްބަސްވެވިފައިވާ ގޮތަށް ކަންކަން ކުރުމަށް ބާރު އަޅާ އެޑްވޮކަސީ ޖަމިއްޔާއެކެވެ.