މާލެ ސަރަހައްދުގައި ހުރި ހަ ލެބޯޓްރީއަކުން އަކުން ޕީސީއާރް ޓެސްޓު ހެދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ދަތުރު ކުރުމުގެ ކުރިން މާލެ ސަރަހައްދުން ހަ ލެބޯޓްރީއަކުން ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށާއި އެ ހަތަނަކީ އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، މެޑްލެބް ޑައިގްނޮސްޓިކްސް، އާރުއެމްއެލް ސާވިސް އަދި ހުޅުމާލެ ހޮސްޕިޓަލް ކަމަށެވެ.
މާލެ ސިޓީން ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުވާން ފަށާފައެވެ. އެހެންކަމުން އަޅާފައިވާ ފިޔަވަޅުތައް ލުއިތައް ދެމުންދާއިރު، މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކުގެ ވިޔަފާރި ހުޅުވާލުމުގެ ހުއްދަ މިހާރު ވަނީ ދޭން ފަށާފައެވެ.
މިމަހުގެ 14 ގައި ގެސްޓް ހައުސް ވިޔަފާރި ފަށާފައިވާއިރު އުސޫލުގައި ބުނެފައިވަނީ ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮންމެ މަހަކު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ން ބުނީ ލުއިތައް ދެމުންދަނީ ހާލަތަށް ބެލުމަށްފަހު ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ކޭސްތައް މަދުވާ ކަމަށްވާނަމަ އިތުރު ލުއިތައް ދެމުންދާ ކަމަށެވެ. އަދި ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވި ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށާއި، ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި، ވިޔަފާރިތައް ކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.