އެމްޑަބްލިއުއެސްސީން ރ. ކިނޮޅަހުގެ ކުރިޔަށްގެންދާ ފެނާއި ނަރުދަމާ ޕްރޮޖެކްޓްގެ މަސައްކަތް ހަލުވި މިނުގައި ކުރިޔަށްދާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މިހާރު އެ މަސައްކަތް ކުރަމުން އަންނައިރު މިމަޝްރޫޢޫގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ކިނޮޅޮހަށް ގެންގޮސްފައިވާކަމަށާއި މިހާރު ކުރަމުން ދަނީ ފެން އުފެއްދުމަށްޓަކައި ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތްކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 10.98 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 190 ކިއުބިކް މީޓަރުގެ 2 ތާންގި އަދި 380 ކިއުބިކް މީޓަރުގެ 1 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދެވިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 7.69 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 870 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާއި 22 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުއަށް ޖުމްލަ 36,048,032.06މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށް އެ ކުންފުނިން ބުނެއެވެ. މަޝްރޫޢުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.