ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް މާފުއްޓަށް ގޮސް އެމަނިކުފާނާ ބައްދަލުކުރައްވަން އުދަނގޫނަމަ އެމަނިކުފާނު މާލެ ޖަލަށް ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އޮތީ ތައްޔާރަށް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ޕީސީއާރް ޓެސްޓް ހަދައިގެން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރައީސް ޔާމީނާއި ބައްދަލުކުރައްވަން އަންނަން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދެކޮޅުހައްދަވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީން މާލެ ޖަލަށް ގެނެސްދީގެން ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު އެމަނުކުފާނަށް ދިނުމަށް ކަރެކްޝަންސް އިން އޮތީ ތައްޔާރަށް ކަމަށެވެ.
ރައީސް ޔާމީން އާއި އެމަނިކުފާނުގެ ވަކީލުން ބައްދަލުކުރުމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ހޯމް މިނިސްޓްރީން އަދި ކަރެކްޝަންސް އިން ނުކުރާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ފާހަގަކުރެއްވިއެވެ.
އެކަމަށް އިންކާރު ކުރައްވާ އިނގޭތޯ. ޓެސްޓް ހަދައިގެން ޖަލަށް ވަޑައިގަންނަން. އަޅުގަނޑުމެން އެކަމަށް އިންކާރުކުރައްވާތީ މިހާރު އެދިވަޑައިގެންފަ އޮންނާނެ އަޅުގަނޑުމެން ރައީސް ޔާމީން މާލެ ޖަލަށް ގެނަސްދީފާނެ ކަމަށް،ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު
އެގޮތުން އެންމެފަހުން ބައްދަލުވުމަކަށް އެދުމުން އެޗްޕީއޭގެ ގައިޑްލައިނަށް ބަދަލު އައިސްފައިވާ ވާހަކަ ވަކީލުންނާއި ހިއްސާކުރެއްވިކަން ފާހަގަކޮށް ސީޕީ އަހްމަދު ވިދާޅުވީ ވަކީލުންގެ ބައްދަލުވުމަށް އެދުމުން ޕީސީއާރް ޓެސްޓު ނެގުމުގެ އިތުރުން އެޗްޕީއޭގެ ހުއްދައަށް އެދި އެޗްޕީއޭއަށް ހުށައަޅަނީ ކަރެކްޝަނުން ކަމަށެވެ. ހުދު ހޯމް މިނިސްޓަރ ވެސް ޖަލުތަކަށް ޒިޔާރަތްކުރުމުގެ ކުރިން އެޗްޕީއޭގެ ހުއްދައަށް އެދި ޕީސީއާރް ޓެސްޓް ހަދައި ޕްރޮސީޖަރ ފުރިހަމަކުރަން ޖެހޭ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. އަދި މިކަންތައްތައް ރައީސް ޔާމިންގެ ވަކީލުންނަށް ސާފުކޮށްދީފައިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
މާލެ ޖަލަށް ރައީސް ޔާމީން ގެނަސް ވަކީލުންނާއި ބައްދަލުކުރެއްވުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ކަރެކްޝަންސް އިން ތައްޔާރަށް އޮތްކަމަށް ފާއިތުވި ބުދަ ދުވަހު ލިޔުމުން ރައީސް ޔާމީންގެ ވަކީލުންނަށް އަންގާފައިވާނެ ކަމަށާއި އެހެން ނަމަވެސް އަދި އެއަށް ޖަވާބެއް ލިބިފައިނުވާކަން ފާހަގަކުރައްވާ ސީޕީ އަހްމަދު ވަނީ ފޯނުން ގުޅުއްވައިގެންވެސް މިވާހަކަތައް ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑުމެން ފޯނުން ގުޅާފަ އެވާހަކަ ހިއްސާކޮށްފައި އޮންނާނެ އަދި އީމެއިލްގެ ޒަރިއްޔާއިން މިހާތަނަށް އައި އިރު މުއާމަލާތްކުރަމުން މިގެންދަނީ. އެހެންވެ އީމެއިލްގެ ޒަރިއްޔާއިން އެވާހަކަ ލިޔުމުން ހިއްސާކޮށްފައި އޮންނާނެ، އަޅުގަނޑުމެންނަށް އެގޮތަށް އެ އިންތިޒާމް އެބޭފުޅުން އެދިވަޑައިގަންނަވާކަމަށް ވެއްޖެއާމު ފަހުކޮށްދޭނެ ކަމަށް. އަޅުގަނޑު ހަނދާންވާގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހު އަޅުގަނޑުމެންވާނެ އީމެއިލްއަކުން އެގޮތަށް އަންގާފަ. އަދި މިހާތަނަށް އެބޭފުޅުންގެ އެއްވެސް ހަބަރެއް އަޅުގަނޑުމެންނަކަށް ނުވޭ،
ސީޕީ އަހްމަދު ވަނީ ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ބައްދަލުވުމުގެ ވަގުތު ކުޑަވުމުގެ ޝަކުވާތައް އައިސްފައިވާތީ ޖަލުގެ އިންތިޒާމްތަކަށް ބަލައި ވަކީލުންނާއި ބައްދަލުކުރުމުގެ ވަގުތު އިތުރުކޮށްދިނުމެގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ލިޔެކިއުންތައް ބެލުމަށް ވަކީލުންގެ އަމިއްލަ ލެޕްޓޮޕް ހިފައިގެން ބައްދަލުވުމަށް އައުމުގެ ފުރުސަތު ފަހިކޮށްދޭންވެސް ކަރެކްޝަންސް އިން އޮތީ ތައްޔާރަށް ކަމަށް ސީޕީ އަހްމަދު ފާހަގަކުރެއްވި އެވެ.
މިއީ އެހެން އެއްވެސް ފަރާތަކަށް ކަރެކްޝަންސް އިން ހަމަޖައްސައިދީފައިވާ ކަންކަން ނޫން ކަމަށާއި އެހެން ނަމެވެސް ކޯޓުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީހުން އެކަންކަމަށް އެދިވަޑައިގަތުމުން އެކަންކަން ފުރިހަމަ ކޮށްދޭނެކަމަށް ސީޕީ އަހްމަދު ފާހަގަކުރެއްވި އެވެ.
އެއްވެސް ގައިދީއަކަށް އަދި ބަންދު މީހަކަށް ގާނޫނީ ލަފާހޯދުމުގެ ފުރުސަތަށް ނުވަތަ ވަކީލުންގެ ބައްދަލުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅާފައި ނުވާނެކަމަށް ސީޕީ އަހްމަދު ފާހަގަކުރެއްވި އެވެ. އެގޮތުން ކެރެކްޝަންސް އިން މަސައްކަތް ކުރަމުން ދަނީ ވަކީލު ބައްދަލުވުންތައް ވިހާވެސް ފަސޭހަކަމާއި އެކު ގައިދީންނަށް ފޯރުކޮށްދިނުން ކަމަށާއި، ދާދި ފަހުން އެއިދާރާއިން ގާއިމުކުރި ޕޯޓަލްގެ އެންމެ މުހިންމު އެއް ބޭނުމަކީވެސް މިއީ ކަމަށް ސީޕީ އަހްމަދު ފާހަގަކުރެއްވި އެވެ.