އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ދައުލަތުގެ ތަޙްޤީޤީ އިދާރާތަކުން 200 އަށް ވުރެން ގިނަ ފަރާތްތަކަށް ތުހުމަތުކުރެވޭއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަކުރާރުކޮށް ދައުވާ އުފުލަމުންދާތީ އެކަމުގެ ކަންބޮޑުވުން އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ފާޅުކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވުމަށްފަހު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 200 އަށް ވުރެން ގިނަ ފަރާތަށް ތުހުމަތު ކުރެވޭއިރު، އެއިން އެއްވެސް ފަރާތެއްގެ މައްޗަށް މިއަދާއި ހަމައަށް ވެސް އެކަށީގެންވާ ގޮތެއްގައި ދަޢުވާއުފުލައި، ނުވަތަ އިތުރު ތަހްގީގެއް ހިންގާފައި ނުވާކަމަށެވެ. އަދި ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ތަކުރާރުކޮށް ދަޢުވާތައް އުފުލަމުންދިއުމަކީ އިއްތިފާޤެއްކަމަށް ނުދެކޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން މިހާރު އުފުލާފައިވާ ދަޢުވާތަކަކީ ދުރާލައި ރާވައި އިންތިޒާމުކުރެވިގެން ހިންގޭ ސިޔާސީ ބަދަލުހިފުމެއް ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެތެރެއަށް ސީދާކޮށް އަދި ނުސީދާކޮށް ވެރިކަންކުރާ ޕާޓީން ނުފޫޒު ފޯރުވައި، ހަމައެކަނި ވަކިފަރުދަކަށް އަމާޒުކޮށް ތަހުޤީޤުތައް ހިންގައި ދަޢުވާތަކެއް އުފުލާފައިވާ ކަމަށެވެ.
މި ދަޢުވާތަކުގައި އެމްއެމްޕީއާރުސީގެ އެތެރޭގައި ހިންގާފައިވާ ޖަރީމާތަކުގެ މައި ތަނބުކަމަށްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއި އެކު ދައުލަތުން ސިއްރު އަދި، ޤާނޫނު ނުވެސް ދަންނަ، އެއްބަސްވުމެއް ހެދުމަށްފަހު، ދައުލަތުގެ މުދަލަށް ބޮޑެތި ޢަދަދުތަކުން ޚިޔާނާތް ވެފައިވާކަމަށް އެދެ ބޭފުޅުން ހުކުމްތަކާއި އަދަބުތަކަށް ލުއިދީ ގޭގައި ބަހައްޓާފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ފާޅުކޮށްފައިވެއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ، ރައީސް ޔާމީނަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ޙައްޤު ނިގުޅައިގަތުމަށް މިދިޔަދުވަސްތަކުގައި ތަކުރާރުކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މަސައްކަތްކުރަމުން އައިސްފައިވާ ކަމަށެވެ.
އެގޮތުން، 6 ޑިސެމްބަރ 2020 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމަށްފަހު ކުއްލިއަކަށް ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ކޮންމެ ފަހަރަކު ޕީސީއާރު ޓެސްޓު ހެދުމުން ނޫންގޮތަކަށް ބައްދަލުވުން ހަމަނުޖެހޭނެކަމަށް ބަޔާންކޮށް، ރައީސް ޔާމީނާ ގުޅޭގޮތުން ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވާގޮތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ދައްކާފައިވާ ވާހަކަތަކަކީ، ފަނޑިޔާރުންގެ މަސައްކަތާ ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 141 (ނ) ގައި ބަޔާންކޮށްފައިވާ އޮތްއޮތުމާ ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށެވެ.
ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށާއި ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ދުސްތޫރީގޮތުން ލިއްބައިދޭ އެންމެހާ ޙައްޤުތަށް ފުރިހަމައަށް ލިބޭނެގޮތް ކަށަވަރު ކޮށްދެއްވުމަށް ދައުލަތުގެ ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށްވެސް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.