ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އެމްޓީސީސީން ބުނީ ނިންމަން ކަނޑައަޅާފައިވާ ތާރީހުގައި ނިންމޭނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 248 މީޓަރގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 286 މީޓަރ އެއްގަމު ތޮށި ހެދުމާއި، 137 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1430 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 36,215 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 1000 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމާއި، 20 މީޓަރ ގްރޯއިން ޖެހުމާއި، 14 ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2 ނެރުބައްތި ޖެހުން ހިމެނެއެވެ.
42,183,081.60 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއައަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.