ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 09:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ރައީސް ސޯލިހު، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދަވައިފި
މިއީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އިދާރާއެއް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 485
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ ހޯމަ ދުވަހުން ފެށިގެން ވަނީ އުވައިލައްވާފަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް ޤާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

މިކަން އިޢުލާނުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުއްވި ދެންނެވުމެއްގައެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ރައީސުލްޖުމްހޫރިއްޔާ އާދިއްތަ ދުވަހު ތަސްދީޤުކުރެއްވެވި (ޤާނޫނު ނަންބަރު 2020/26) ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އިދާރާއެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދެވުމާއި ގުޅިގެން، މިހައިތަނަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންއައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީ ހޯމަ ދުވަހުން ފެށިގެން ވަނީ އުވައިލައްވާފައެވެ.

އަދި، ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 485 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.

މި ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މަޤްޞަދަކީ، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހެޔޮ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ. އަދި އެ ޚިދުމަތްތަކަކީ އެފިޝަންޓް އަދި ތިމާވެއްޓާ ރައްޓެހި ޚިދުމަތްތަކެއްގެ ގޮތުގައި ބައްޓަން ކުރުމާއި، ރަނގަޅު ފެންވަރުގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ.

މީގެ އިތުރުން ވެސް އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ޢާންމު އުސޫލުތައް ކަނޑައަޅައި، ތަންފީޛުކުރުމާއި، މި ޤާނޫނާއި އަދި ކަމާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، ފިޔަވަޅު އަޅާނެ ނިޒާމެއް ޤާއިމުކުރުން ވެސް މި ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

- ކޮމެންޓް