ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 05:26
އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ނައިބު ރައީސް ހަސަން އަހުމަދު
އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ނައިބު ރައީސް ހަސަން އަހުމަދު
ރާއްޖެއެމްވީ
އެކައުންޓެންޓުންނަށް ހުރި ފުރުސަތުތައް
ކުރި އަރަމުން އަންނަ ޓުއަރިޒަމް އިންޑަސްޓްރީއާ އެކު އެކައުންޓެންޓުންނަށް ވެސް ގިނަ ފުރުސަތުތަކެއް
ކުރިއަށް އޮތް ތަނުގައި މިދާއިރާއަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެ
އެންމެ ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރޭގައި ވެސް 'ޕްރޮފެޝަނަލީ ކޮލިފައިޑް' އެކައުންޓެންޓުން ހިމެނޭ

ރާއްޖޭގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތާއި އެކު އެކައުންޓެންޓުންނަށް ގިނަ ފުރުސަތުތަކެއް ފަހި ވެގެންދާނެ ކަމަށް އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ނައިބު ރައީސް ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަ ސުރުހީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން އަހުމަދު ވަނީ އެކައުންޓިންގް ދާއިރާއިން ތައުލީމް ހާސިލު ކުރަމުންދާ ފަރާތްތަކަށް މުސްތަގުބަލުގައި އޮތް ފުރުސަތުތަކާއި ގުޅިގެން ވާހަކަދައްކަވާފައެވެ. އެގޮތުން އިގްތިސާދު ކުރިއަރަމުން އަންނަ ނިސްބަތަށް ބަލާއިރު، މި ދާއިރާއިން ތައުލީމު ހާސިލު ކުރަމުންދާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިދާއިރާއަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެ ކަމަށެވެ.

ދިވެހި ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ވެސް ގްރޯވަމުންދާ ނިސްބަތަށް ބަލާއިރު ވަރަށް ބައިވަރު ފުރުސަތުތަކެއް އެބައޮތް. ޓޫރިޒަމް އިންޑަސްޓްރީ ރާއްޖޭގައި މިއޮތީ ސެންޓްރަލް އޭރިއާގައި. އުތުރާއި ދެކުނާއި މިއޮތީ އިންޑަސްޓްރީ، އިންޑަސްޓްރީ ފުޅާވެގެންދާއިރު ރާއްޖެއަށް އެބަ ބޭނުންވޭ ވަރަށް ގިނަ އެކައުންޓެންޓުންނާއި އޮޑިޓަރުންނާއި ޓެކްސް ކޮންސަލްޓެންޓުން. އެހެންވީމަ މިދާއިރާގައި މިހާރު ކިޔަވަމުންދާ ކުދިންނަށް އެބައޮތް އެކައުންޓިން ފަރމްތައް ހަދައިގެން މަސައްކަތް ކުރުމުގެ ފުރުސަތު. ޓެކްސް ކޮންސަލްޓެންސީ ކުރުމުގެ ފުރުސަތު. އަދި ހަމަ ޕްރޮފެޝަނަލީ ކޮލިފައިޑް އެކައުންޓެންޓުންނަށް ވުމުގެ ފުރުސަތު އެބައޮތް.
އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ނައިބު ރައީސް ހަސަން އަހުމަދު

މީރާގެ ބައެއް ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވާ ހަސަން އަހުމަދު ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑު އާމްދަނީތައް ލިބޭ ފަރާތްތަކުގެ ތެރޭގައި އެކައުންޓެންޓުން ހިމެނޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރޭގައި ވެސް 'ޕްރޮފެޝަނަލީ ކޮލިފައިޑް' އެކައުންޓެންޓުން ހިމެނޭ ކަމަށެވެ.

ދެން މީގަ އަޅުގަނޑުމެން ބަލާލާއިރު، އިންކަމް ޓެކްސް ރާއްޖެއަށް މިއަހަރު އިންޓްރޮޑިއުސް ވެގެން މީރާއަށް ކަލެކްޓްވެފަ ހުރި ބައެއް ޑާޓާ ތަކަށް ބަލާއިރުގައިވެސް ދިވެހި ރާއްޖޭގައި އެންމެ ހައިލީ ޕެއިޑް މީހުންގެ ތެރޭގައި އެބަ ހިމެނޭ އެކައުންޓެންޓުން. ޕްރޮފެޝަނަލީ ކޮލިފައިޑް އެކައުންޓެންޓެއްގެ ސެލެރީ ހަމަ އެބައުޅޭ 2،500 ޑޮލަރުން ފެށިގެން ގޮސް 4،000 ނޫނީ 6،000 ޑޮލަރު ލިބޭ މީހުންވެސް އެބަތިބި. ރިސޯޓު އިންޑަސްޓްރީގައި މަސައްކަތް ކުރާ ބޭފުޅުންގެ ތެރޭގައި އެންމެ ހައިލީ ޕެއިޑް މީހުންގެ ތެރޭގައި އެބަ ހިމެނޭ ޕްރޮފެޝަނަލީ ކޮލިފައިޑް އެކައުންޓެންޓުން.
އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ނައިބު ރައީސް ހަސަން އަހުމަދު

އެހެންކަމުން، އެކައުންޓިންގް ދާއިރާއިން ތައުލީމު ހާސިލް ކުރަމުންދާ ފަރާތްތަކުން 'ޕްރޮފެޝަނަލް ކޮލިފިކޭޝަންތަކަށް' ފޯކަސްކޮށްގެން ކުރިއަށް ދިއުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އޭނާ ވިދާޅުވީ ޕްރޮފެޝަނަލް އިންސްޓިޓިއުޝަންތަކުގެ މެމްބަރުންނަށް ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

- ކޮމެންޓް