ހިޔާގައި ތިބި ކުޑަކުދިންތަކަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަނިޔާދީ، އެކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ހިންގި މައްސަލައިގައި ހިމެނޭ 6 މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ދައުވާ އުފުލައިފިއެވެ.
އާދިއްތަ ދުވަހު ޕީޖީ އޮފީހުން އެކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގައި ހިމެނޭ 6 މީހެއްގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ ބަލާ ކޮމިޝަނުން ޕީޖީ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މި މައްސަލާގައި ކޮށްފައިވާ ދައުވާތައް:
- މުޙައްމަދު ޝަރީފް، ވ ސަމާހިޔާ- ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
- ހުސައިން އަޙުމަދު، ވ ފަންސި- ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ
- އަލީ އަޙްސަން، ވ ރިއޯ- ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
- ނަޖީޙް އަޙުމަދު، މއ އަކިރިފުށި ދެކުނުބައި- ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
- އަޙުމަދު ވަނޫދު، ހ ފޯސީޒަން- ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
- ހުސައިން ޙަމްދޫން، ވ އާސްމާން- ބިރުދެއްކުމުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
އޭގެ އިތުރުން، މި މައްސަލައިގައި މިހާތަނަށް ދައުވާ ހުށައަޅާފައިވާ މީހުންނާއި، މި މައްސަލައިގައި ޝާމިލުވާ އިތުރު މީހުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަހުޤީޤު ކުރުމުގެ މަސައްކަތްތައް ތަހުޤީޤީ އިދާރާތަކުން ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އަދި އެ މައްސަލަތައް ނިމި ޕީޖީ އޮފީހަށް ހުށައެޅުމުން ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލައި ދައުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެކަންވެސް ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.
މި މައްސަލައަށް އަލިއަޅުވާލައްވާ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން މައްސަލައެއް ތަހުޤީޤު ކުރުމަށް އެދި ފުލުހުންގެ މައްޗަށް ނެރުއްވި ދެވަނަ އަމުރު ކަމަށެވެ. އަދި މި މައްސަލައިގައި އަމިއްލައަށް ވަކާލާތު ކޮށްލައްވަން ބޭނުންވާކަންވެސް ޕީޖީ ޝަމީމްގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ޕީޖީ އޮފީހުގެ ޓީމަކާއެކު ވަކާލާތު ކުރައްވާނީ ޕީޖީ ހުސައިން ޝަމީމްއެވެ.
ޤާނޫނު އަސާސީގެ 233 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަހުޤީޤު ކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރުއްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.