އައްޑޫ ސިޓީގައި ހިންގަމުންދާ އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ އެ ސްކޫލުގެ ދަރިވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ތަފާތު އެކި ހުށަހެޅުންތައް ހުށައަޅާފައިވާއިރު، އެކަމުގައި އެއްވެސް ހައްލެއް ލިބިފައިނުވާކަން އެފަރާތްތަކުން ފާހަގަކުރެވެެ. މިކަމާއި ގުޅިގެން ފްލައިން ސްކޫލުގެ ދަރިވަރުން އަންނަނީ "އޭއޭއޭ ސްޓޫޑަންޓް ޔުނިއަން" ގެ ނަމުގައި ޓްވީޓާ އެކައުންޓެއް ހަދައި، ދަރިވަރުންނަށް އިންސާފު ހޯދުމަށް ގޮވާލައި އެކި ޓްވީޓް ކުރަމުންނެވެ. އެއާއެކު މަޖިލީހުގެ މެންބަރުންގެ އިތުރުން އާންމު ފަރާތްތަކުންވެސް އަންނަނީ ފްލައިންގ ސްކޫލުގެ މައްސަލަ އަވަހަށް ހައްލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލަމުންނެވެ.
މިކަމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވަނީ އައްޑޫ ފްލައިން ސްކޫލުގެ މައްސަލައަކީ މުޅި ގައުމަށް ޖެހިފައި އޮތް މުސީބާތެއް ކަމަށާއި މި މައްސަލައަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ހައްލުކޮށްދެވެން ޖެހޭނެ މައްސަލައެއް ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއަށް ޓެގް ކުރައްވާ މެންބަރު ރޮޒޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދެވިގެން އުޅެނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ފްލައިން ސްކޫލު ހިންގާ ފަރާތްތަކަށް ވާގިވެރިވާތީ ކަމަށެވެ. ނަމަވެސް އެކަން ކަމަކީ ބަލައިގަނެވޭނެ ކަން ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން ވަނީ އެކުދިންގެ ކޯހުގެ ފީ ޑޮލަރުން ދައްކަން ޖެހުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކިޔެވުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި މުޅި ކޯހަށް ޑޮލަރުން ފައިސާ ދައްކަންޖެހޭ އިރު، ފްލައިންގ ސްކޫލުން ދަރިވަރުންގެ އަތުން ފީ ނަގަނީ ބޭންކު ރޭޓަށްވުރެ ބޮޑުކޮށް ކަމަށްވެސް "އޭއޭއޭ ސްޓޫޑަންޓް ޔުނިއަން" އިން ކޮށްފައިވާ ޓްވީޓުތަކުގައިވެއެވެ.
މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ކުރެއްވި ޓްވީޓުގައި ވަނީ ދިވެހިންނަށް ދިވެހިރާއްޖޭގައި ދިވެހި ފައިސާއިން މުއާމަލާތު ނުކުރެވެންވީ ކީއްވެތޯ ކަމަށްބުނެ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން މެންބަރު އަހުމަދު ރަޝީދު ވިދާޅުވެފައި ވަނީ ފްލައިންގ ސްކޫލުގެ މައްސަލަ ހަމަ މަގަށް އެޅުވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ހަޔަރ އެޑިއުކޭޝަނަށް ޒިންމާއިން ނުރެކެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ވަނީ އެއްވެސް މީހަކު ގާނޫނަށް ވުރެ މަތި ވެގެން ނުވާނެ ކަމަށާއި އެއްވެސް އިދާރާއެއް މުޅި ދައުލަތަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ބުނެ ޓްވީޓު ކުރައްވާފައެވެ.
ފްލައިންގ ސްކޫލުގެ މައްސަލަ ބޮޑުވެ، އެ ސްކޫލުގެ ދަރިވަރުން ވަނީ އެކަމުގައި ހުރި ކަންބޮޑުވުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ވެސް ހިއްސާކޮށްފައެވެ. މީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެރިންވެސް އަންނަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްޑޫ ފްލައިންގ ސްކޫލަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އެކަމަޑަކީއެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަން ރެގިއުލޭޓް ކުރާ އެކަޑަމަކީއެކެވެ.