ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމުގައި މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައި މިހާރު މާކްސް ދީފައިވަނީ އެންމެ އިންސާފުވެރިކޮށް ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީއިން ބުނެފިއެވެ.
ފްލެޓް ކޮމިޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޓީގެ މެމްބަރު ތޯހާ އަހްމަދު ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓްދޭ ގޮތާއިމެދު ވަރަށް ގިނަ ރައްޔިތުންގެ ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި އަދި ޕޮއިންޓްދޭ ގޮތް ސާފުނުވާ ކަމުގެ ގިނަ ޝަކުވާތަކެއްވެސް ހުރިކަމަށެވެ.
އެގޮތުން އޭރުގައި ފްލެޓަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ދިރުއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ފޯމް ހުށައަޅާ ފަރާތްތަކުން ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް ފޯމާއިއެކު ހުށައަޅާފައިވާ ބަޔާނަށް ކަމަށް ބުނެފައި ވީނަމަވެސް އެއް ހާލަތެއް ސިފަކޮށް ފޯމު ހުށައަޅާފައިވާ ދެ މީހުންނަށް ޕޮއިންޓް ދިނުމުގައި ތާފާތުތައް ހުރިކަމަށް ތޯހާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ފްލެޓް ކޮމިޓީއިން އެންމެ އިސްކަމެއް ދީގެން ކުރި ކަމަކީ ފްލެޓަށް އެދި ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަކަމާއި އެކު ޕޮއިންޓް ދިނުމަށް މިންގަނޑެއް ކަންޑައެޅުން ކަމަށާއި އެމިންގަނޑުގެ ދަށުން ހުރިހާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ ގޮތުން ވަކިން ވަކިން ކޮންމެ މީހެއްގެ ގެޔަށް ފްލެޓް ކޮމިޓީއިން ޒިޔާރާތްކޮށް ހާލަތު ބަލާފައިވާ ކަމަށް ތޯހާ ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ މޮގިތަށް ޕޮއިންޓްދޭ އިރު، ފްލެޓް ކޮމިޓީއާއި ހިއްސާ ކުރާ މައުލޫމާތަކީ ތެދު މައުލޫމާތުކަމަށް ފްލެޓަށް އެދި ހުށައަޅާ ފަރާތުން އެއްބަސްވެ ސޮއިކުރާނެ ކަމަށާއި އަދި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ގޭގެއަށް ޒިޔާރަތްކުރާ ފްލެޓް ކޮމިޓީގެ ދެ އޮފިޝަލުންވެސް ސޮއިކުރާނެކަމަށެވެ. އެހެން ކަމުން ޕޮއިންޓް ދެވިގެން މިދަނީ މި ކަންތައްތަކަށް ބެލުމަށްފަހު ކަމަށް ތޯހާ ވިދާޅުވި އެވެ.
ތޯހާ ވަނީ ވަކި މިންގަނޑެއް ކަނޑައަޅައިގެން މިހާރު ޕޮއިންޓް ދޭއިރު، ކުރިއާ އަޅާބަލާއިރު މިހާރު ޕޮއިންޓް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވެނީ ހުރިހާ އެންމެނަށް ހަމަހަމަ ގޮތެއްގައި އެންމެ އިންސާފުވެރުކޮށް ކަމަށް އެކޮމިޓީއިން ގަބޫލުކުރާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން އެކޮމިޓީ އިން ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ މިންގަނޑު ބެލުމަށްފަހު، ޕޮއިންޓްދޭ މިންގަނޑު އާންމުކުރުމަށް ނިންމާފަ އެވެ.