ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 13:18
ރައީސް މައުމޫން އާއި ރައީސް ނަޝީދު
ރައީސް މައުމޫން އާއި ރައީސް ނަޝީދު
ރައީސް އޮފީސް
ް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ
ދެ ފަރާތަކުން މަޝްވަރާ ކޮށްލައިގެން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ - މައުމޫން
ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށް ރައީސް މައުމޫން ވިދާޅުވި
ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ މެދު ރައީސް އާ މަޝްވަރާކުރައްވައި ރަނގަޅު ގޮތަކަށް އެކަން ނިންމަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި

ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދެ ފަރާތަކުން މަޝްވަރާކޮށްލައިގެން ބަދަލުކުރެވޭނެ ނިޒާމެއް ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޣައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ.

ރައީސް މިމޭރުމުން ޓްވީޓްކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުން ގެނަސްދިން "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަންކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރައްވައި ރަނގަޅު ގޮތަކަށް އެކަން ނިންމަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލިއިރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓެއް ވަނީ ނަގާފައެވެ. ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ކަނޑައެޅުމަށް ނެގުނު ވޯޓުން ރައްޔިތުން ނިންމީ ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. އޭރު އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ރައީސް މައުމޫން ނިސްބަތްވެވަޑައިގެންނަވާ ޑީއާރުޕީން ތާއީދުކުރީ ރިޔާސީ ނިޒާމަކަށެވެ.

ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އާސްކް ސްޕީކަރ ޕްރޮގްރާމްގައިވެސް ރައީސް ނަޝީދުވަނީ އެ ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ އަބަދުވެސް ގަބޫލުކުރައްވާގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު އުސޫލަކީ އެއީއެވެ. އެކަމާ ގުޅިގެން ރައީސްއާ މަޝްވަރާ ކުރައްވަނީ ނިޒާމު ބަދަލުކުރާނީ މި ދައުރު ނިމުމަށް ކުޑަ ދުވަސްކޮޅެއް ބާއްވާފައިތޯ ނުވަތަ ދައުރު ނިންމާފައިތޯ ނިންމުމަށް ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް