ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން އާންމުކޮށް ހުޅުވާލައިފި އެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ހިމެނެ އެވެ. އަދި ވަޒީފާއަށް ކުރިމަތިލާ މީހާ އަކީ އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.
އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން:5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ހިމެނެއެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެ އެވެ.
މިނިސްޓްރީން ބުނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ 14:00 ކަމަށެވެ.
ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމައް ހަމަޖެހިފައިވަނީ ޑިފެންސް މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑު ތަކުންނެވެ. އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުގެ ތެރެއިން އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީ ޕޯސްޓާއި ޅ. ނައިފަރު ފަޔަރ ސްޓޭޝަނާއި ށ. ފުނަދޫ ކައުންސިލް އިދާރާއިންނެވެ.