ނަން އިއްވާ ތަޅުމުން ބޭރުކުރި ކަމުގައިވިޔަސް ބަދަލު ހިފުމުގެ ރޫހުގައި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ފުލުހުންގެ ޚިދުމަތުގެ ބިލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުނުކުރައްވާނެ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ޖަލްސާ ފެށުނުކަން އިއުލާންކުރައްވާ ޖަލްސާގެ ތަޢާރަފް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވަމުން ގެންދެވިއިރު ޝަރީފް އަޑުގަދަކުރައްވަމުން ގެންދެވި އަޑުއިވެމުންދިޔައެވެ.
ޖަލްސާގެ ތަޢާރަފް ދެއްވަމުން ގެންދަވަމުން ރައީސް ނަޝީދު ވަނީ ޝަރީފަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އެދިވަޑައިގެން ތިން ފަހަރު ނަސޭހަތް ދެއްވާފައެވެ. އެއަށްފަހު ޝަރީފްގެ ނަން އިއްވެވިއެވެ. ޝަރީފް ތަޅުން ދޫކުރައްވާ ވަޑައިގެންނެވިފަހުން ރައީސް ނަޝީދު ވަނީ ޖަލްސާ ފައްޓަވާފައެވެ.
ހިނގައިދިޔަ ކަންތައްތަކަކީ ޝަރީފާއި އެހެން މެމްބަރަކާއި ދެމެދު ބަޣާވާތާއި ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ޝަރީފާއި ޚިޔާލުތަފާތުވި މެމްބަރުގެ ނަމެއް ނަޝީދު ހާމައެއްނުކުރައްވައެވެ. ރައީސް ނަޝީދު ވިދާޅުވީ އެއް މެމްބަރެއްގެ ނަން އިއްވަވާ ދެން ހުރި މެމްބަރުގެ ނަން އިއްވެވުމަށް ބެއްލެވިއިރު އެމެމްބަރު ނެތް ކަމަށެވެ.
ތަޅުމުން ބޭރުކުރުމާއެކު އެކަމާއި ގުޅޭގޮތުން ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ބިލަށް ކޮމިޝަންޑް އޮފިސަރސް ޤާނޫނުގެ ޒަރިއްޔާއިން ވަކިކުރާ ގޮތަށް ހުށައަޅަން އުޅޭ އިސްލާހަށް ތާއީދުނުކުރާނެ ކަމަށް ބުނުމުން ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަހުމަދު ހަލީމާއި ދެމެދު ޒުވާބުކުރަން ފެށުމުން ނަން އިއްވާ ތަޅުމުން ނެރުނީ ޝަރީފް ކަމުގައެވެ.
އަދި ނަން އިއްވާ ތަޅުމުން ބޭރުކުރިޔަސް ފުލުހުންގެ ބިލަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުނުކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ބަދަލު ހިފުމަށް ތާއަބަދު މަސައްކަތްކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ނާތަޚުޒީބީ އަމަލެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިދައުރު ނިމުމުގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް ފާސްކުރުމަށް މަސައްކަތްކުރާއިރު މިހާރު އެބިލް ވަނީ ކޮމިޓީން ނިންމާފައެވެ. އަދި މެމްބަރުންގެ ޚިޔާލަށް ހުޅުވާލާފައިވާއިރު އެ ބިލް އަންނަ ހަފްތާގައި ފާސްކުރާނެ ކަމަށް ބެލެވެއެވެ.
އެބިލްގެ މަސައްކަތްތައް ކޮމިޓީ ސްޓޭޖްގައި ހިނގާދިޔަ ގޮތާއި ގުޅިގެން ރައީސް ނަޝީދު ވަނީ އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ހިތްޕުޅުހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވާފައެވެ.
ފުލުހުންގެ ބިލަކީ އެނގިވަޑައިގަންނަވާނެ ކޮމިޓީން މަޝްވަރާކުރަމުން ގެންދިޔައިރުގައި ވަރަށް ގިނަ ބޭފުޅުން ޝައުގުވެރިކަން ބަހައްޓަމުން އައި ބިލެއް. ދެން އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑުގެ ޝައުގުވެރިކަމަކަށް ކޮމިޓީއަކުން މާބޮޑު އަޅާލުމެއް ލާފައި ނެތްކަމަށް އަޅުގަނޑު ބިލުގެ ބައެއް ސިފަތަކުގެ ގޮތުގައި ހުށަހަޅާފައި ހުރި ކަންކަން އެކޮމިޓީއަށް ބަލައިގަނެވެން ނެތްކަމަށް ވޯޓުލައްވާފައިވަނީ. ދެން އެއީ މިކަހަލަ ހަޔާތެއްގައި ދިމާވެދާނެ ކަންކަން. އެހެންނަމަވެސް ރާއްޖޭގެ ފުލުހުންނާއި ގުޅޭގޮތުން ކަމެއް ނިންމާއިރު ދެން މިއަދު އަޅުގަނޑު ކައިރީގައި އަހާލަން ނުފެނެޖިއްޔާ އަޅުގަނޑު ހިތަށް އަރާނެ މި ދިވެހިރާއްޖޭގެ ރައްޔިތުންވެސް އަދި މެމބަރުންވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންވެސް އަދި ރައީސަށްވެސް ރާއްޖެއާ ބެހޭ ގޮތުން އެއެނުގުނީ ކޯއްޗެއްބާއޭ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އޭގެފަހުން އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ 7 ފެބްރުއަރީގައި ހިނގި ބަޢާވާތަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކިގެން ފުލުހުންގެ ގާނޫނު އިސްލާހުކޮށްފިނަމަ، ޒަމާންތަކެއް ވަންދެން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ. 7 ފެބްރުއަރީގައި ފުލުހުން ނުކުމެ ހިންގި ބަޢާވަތް އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ޤާނޫނަށް އިސްލާޙު ގެންނަން ވިސްނައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ޝަރީފް ނަން އިއްވެވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބަހުސް ކުރެވޭ ކަންކަމަކީ އަދި ގޮތްތައް ނިންމެމުންދާ ކަންކަމަކީ ޖީލުތަކަކަށް ދިވެހި މުޖުތަމަޢަށް އަސަރުކޮށްގެން ދާނެ ކަންކަން ކަމަށެވެ.
ބަހުސް ކުރެވޭ ކަންކަމަކީ އަދި ގޮތްތައް ނިންމެމުންދާ ކަންކަމަކީ ޖީލުތަކަކަށް ދިވެހި މުޖުތަމަޢަށް އަސަރުކޮށްގެން ދާނެ ކަންކަން. އަދި ވަރަށް ގިނަ ކަންކަމަކީ އެނގިވަޑައިގަންނަވާނެ މާޒީގެ ފަތްފުށުގައި އެތައް ބަޔެއްގެ ހިތާމަވެރި ހަޔާތާއި ގުޅިފައި ހުރި ކަންކަން. ކިތަންމެ ބައެއްގެ މުޅި ދިރިއުޅުން ބަރުދާސްތު ވެފައިވާ ކަންކަން. އެހެންވީމާ މިތާންގެ ތެރޭގައިވެސް އެތަނުގެ ރޫހު އެގޮތަށް ފެނިގެންދަނީ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
7 ފެބްރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަނުން އެ މައްސަލަ ތަހުޤީޤުކޮށް، ތަންފީޒުކުރަންޖެހޭ ކަންކަން ބަޔާން ކޮށްފައިވާއިރު، ކޯނީ ރިޕޯޓްގައި ބަޔާންކޮށްފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާފައި ނުވުމުގެ ކަންބޮޑުވުން ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ފާޅުކުރައްވާފައެވެ.