ގަވައިދާއި ހިލާފަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން މަސްވެރިކަން ކުރަމުން ދަނިކޮށް އެމްއެންޑީއެފްގެ ކޯސްޑްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ބޯޓު ހުޅުމާލެއަށް ގެނެސްފިއެވެ.
ހުޅުމާލެ ޖެޓީ އަށް މަސްބޯޓު ގެނެގޮސްފައިވަނީ އަންގާރަ ދުވަހު ހަވީރު 17:15 ހާއިރުއެވެ. އެ ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އެ ބޯޓު ފެނިފައިވަނީ ކ.މާފުށީގެ އިރުން 140 ނޯޓިކަލް މޭލުން ކަމަށެވެ. މަސް ބޯޓު ފެނިގެން އެމްއެންޑީއެފަށް ރިޕޯޓްކުރީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ނަމަކަށް ކިޔާ ދޯންޏަކުން މެންދުރު 11:45 ހާއިރުއެވެ.
އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ބޯޓު ގެންގެންދަން ހިންގި ހާއްސަ އޮޕަރޭޝަނު ގައި ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވައިގެ މަގުން މަސްބޯޓު އޮތް ސަރަހައްދު ދެނެގަނެ އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.