"ހިޔާ މަޝްރޫޢު" ގެ ދަށުން ފުލެޓަށް އެދި H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިއުލާނުކޮށްފިއެވެ.
އަންގާރަ ދުވަހު ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، H7 ކެޓެގަރީގެ ފޯމްތައް ބަލާފައިވާ ކަމަށެވެ.
18 އަހަރާއި އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދި އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ރައީސް އޮފީހުން އަންގާރަ ދުވަހު ވަނީ ގެޒެޓުގައި އާންމު ކޮށްފައެވެ.
ރައީސް އޮފީހުން ވަނީ ހިޔާ މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީން ބެލި ބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓު 1 އަދި ލިސްޓު 2 އާންމު ކޮށްފައެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓުވެސް ސަބަބާއެކު އާންމު ކޮށްފައިވެއެވެ.
އޭގެ އިތުރުން, މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައިނުވާ ފަރާތްތައްވެސް ސަބަބާއެކު ވަގުތީ ލިސްޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ރައީސް އޮފީހުން ވަނީ މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، 1 ޑިސެންބަރު 2020 އިން ފެށިގެން 13 ޑިސެންބަރު 2020 ގެ 15:00 ނިޔަލަށް ހުޅުވާލާފައެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭ ކަމަށް ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައިވެއެވެ.
މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުމަށް ވަނީ އެދިފައެވެ.