ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 19:06
ދިވެހިރާއްޖޭގެ ހައިކޯޓް - ހައިކޯޓުން ނިމިދިޔަ ނޮވެމްބަރު މަހު ނިންމާފައިވަނީ 59 މައްސަލައެއް
ދިވެހިރާއްޖޭގެ ހައިކޯޓް - ހައިކޯޓުން ނިމިދިޔަ ނޮވެމްބަރު މަހު ނިންމާފައިވަނީ 59 މައްސަލައެއް
ރާއްޖެއެމްވީ
ހައިކޯޓުން ނިންމި މައްސަލަތައް
ފާއިތުވި ހަތަރު މަހު ހައިކޯޓުން ނިންމި މައްސަލަތައް މަހުންމަހަށް އިތުރުވެއްޖެ
އޯގަސްޓް މަހުން ފެށިގެން ކޯޓުން ބެލި މައްސަލަތައް އައީ އިތުރުވަމުން
ނޮވެމްބަރު މަހު ނިންމި މައްސަލަތަކުގެ އަދަދަކީ 59
ސެޕްޓެމްބަރު މަހު ހައިކޯޓުން ވަނީ 50 މައްސަލައެއް ނިންމާފައި

ހައިކޯޓުން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމި މައްސަލަތައް މަހުންމަހަށް އިތުރުވެފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އަންގާރަ ދުވަހު ހައިކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޯގަސްޓު މަހުން ފެށިގެން ހައިކޯޓުން ނިންމަމުން އައި މައްސަލަތަކުގެ އަދަދު ވަނީ މަހުންމަހަށް އިތުރުވެފައެވެ. އެގޮތުން އޯގަސްޓު މަހު 46 މައްސަލައެއް ނިންމާފައިވާއިރު، ސެޕްޓެމްބަރު މަހު ހައިކޯޓުން ވަނީ 50 މައްސަލައެއް ނިންމާފައެވެ. އަދި އޮކްޓޯބަރު މަހު 53 މައްސަލައެއް ނިންމާފައިވާއިރު، ނޮވެމްބަރު މަހު ނިންމި މައްސަލަތަކުގެ އަދަދަކީ 59 އެކެވެ.

ހައިކޯޓުން ނިންމަމުންދާ މައްސަލަތަކުގެ އަދަދު އިތުރުވަމުންދާއިރު، ރިސެސްގެ މުއްދަތުގައިވެސް ޝަރީޢަތްތައް ކުރިއަށް ގެންދަން ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ވަނީ ދާދި ފަހުން ނިންމަވާފައެވެ. އެގޮތަށް ނިންމަވާފައިވަނީ ހައިކޯޓުގެ ނުނިމިހުރި މައްސަލަތައް މަދު ކުރުމުގެ ގޮތުންނެވެ.

ހައިކޯޓުން ކުރިއަށް ގެންދާ މަސައްކަތްތައް އަވަސް ކުރުމާއި، ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމަށް ފާއިތުވި ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށްދާއިރު، ޝަރީއަތްތަކާ ގުޅޭ މައުލޫމާތުތައް ހައިކޯޓުގެ ޓްވިޓަރ އަދި ވެބްސައިޓް މެދުވެރިކޮށް ގެންދަނީ ފޯރުކޮށްދެމުންނެވެ.

އޭގެ އިތުރުން، ޝަރީއަތްތައް ކުރިއަށްދާއިރު، ކޯޓުގެ އިދާރީ ކަންކަން ހިންގަމުންދާ ގޮތުގެ މައުލޫމާތުތައް ރައްޔިތުންނަށް ގާތުން ގެނެސްދިނުމަށްޓަކައި ހޯމަ ދުވަހު ހައިކޯޓުން ވަނީ ރަސްމީ އިންސްޓަގްރާމް އެކައުންޓެއްވެސް ހުޅުވާފައެވެ. "mvhighcourt" ނަމުގައި ހޯމަ ދުވަހު ހުޅުވި މި އެކައުންޓާ ގުޅޭގޮތުން އެ ކޯޓުގެ މީޑިއާއިން ބުނީ، މިއީ ކޯޓުގެ އިދާރީ މަސައްކަތްތައް ކުރިއަށް ދާ ނުދާ ގޮތް ރައްޔިތުންނަށް ވީހާވެސް ދެފުއް ފެންނަ ގޮތެއްގައި ދައްކާލުމާއި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މަޤްސަދުގައި ހުޅުވި އެކައުންޓެއް ކަމަށެވެ.

- ކޮމެންޓް