މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އިހުމާލުން އަންހެނަކު ކަރަންޓުގައި ޖެހުނުކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ އެ ކުންފުންޏަކީ ދުވަހަކުވެސް ކަރަންޓުގެ މަސައްކަތް ކުރި ކުންފުންޏެއް ނޫންކަމަށެވެ. އަދި އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެންކަމަށް ޝާހު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކައަށް ރައްދުދެއްވަމުން ޝާހު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތެއް ކުރުމުގައި އަޅަންޖެހޭ ފިޔަވަޅު ނާޅައިގެން އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާނެކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި ވަނީ އެމްޑަބްލިއުއެސްސީގެ މުއައްޒަފުން ހޮޅި ވަޅުލުމަށް ވަޅުގަނޑެއް ކޮނުމަށްފަހު އެއްވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ކަރަންޓު ނަރެއް ބުރިވެ އޮތުމުގެ ސަބަބުން އަންހެނަކު ކަރަންޓުގައި ޖެހި ހާލު ސީރިއަސް ވެފައިވާކަމަށެވެ.
ޝާހު ވަނީ އެ ކުންފުނީގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތެއްގައި ކަރަންޓު ނަރެއް ބުރިނުވާ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި ވިދާޅުވީ ކަރަންޓަށް މައްސަލައެއް ދިމާވިނަމަ، އެ މައްސަލަ ރައްޔިތަކު ރިޕޯޓް ކުރީސް ކަމަށެވެ.
ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން ކޮނުމުގެ ހުރިހާ މަސައްކަތެއް ގެންދިޔުމުގެ ކުރިން އަބަދުވެސް ސިޓީ ކައުންސިލްގެ ބޯޑު ޖަހާ ކަމަށެވެ. އަދި އެފަދަ މަސައްކަތެއް ކުރާއިރު ބިދޭސީން އެކަނި މަސައްކަތް ކުރުމަތް ދޫކޮށްލުމުގެ ބަދަލުގައި އަބަދުވެސް އެ ކުންފުނީގެ ސުޕަވައިޒަރެއް، ސުޕަވައިޒް ކުރަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
އާންމުގޮތެއްގައި މަގު ކޮނުމުގެ މަސައްކަތެއް ކުރާނީ އަބަދުވެސް ސިޓީ ކައުންސިލްގެ ބޯޑު ދީގެން. އެހެންވީމަ އެކަން ކުރާއިރު އެމްޑަބްލިއުއެސްސީގެ ސުޕަވައިޒަރަކު އަބަދުވެސް ހުންނާނެ މަސައްކަތް ނިމެންދެން. އެމްޑަބްލިއުއެސްސީ މަސައްކަތް ކުރާއިރުގަ ތަނެއް ކޮނެލާފަ މީހަކު ނެތިއެއް ނުދާނެ އިނގޭތޯ.އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހު
ޝާހް އިތުރަށް ވިދާޅުވީ ބައެއްފަހަރު ސިޓީ ކައުންސިލުން ދީފައިވާ ގަޑިއަށް މަސައްކަތް ނުނިންމުމުގެ ސަބަބުން ބައެއްފަހަރު ކޮންނަ ތަނަށް ފަސްއަޅާ ހާލަތުވެސް ދިމާވެފައި އެބަހުރި ކަމަށެވެ. އަދި މުސްތަގުބަލުގައިވެސް އެ ކުންފުނިން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެއްވެސް ފިޔަޅެއް އެޅުމުގައި އިހުމާލުނުވާނެކަމުގެ ޔަގީންކަން ޝާހު އެރުވިއެވެ.