އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވުމުގެ ތުހުމަތުކުރެވޭ، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހުގެ 13:00 އޮންނަ އަޑުއެހުމުގައި އޮންނާނީ، ދިފާއުގައި ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރ. ފުއްގިރި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، ލޯންޑަރ ކޮށްދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއާއި, މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.
މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ކްރިކް ރިޒާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދެން މި މައްސަލަ ކުރިއަށްދާނީ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމާއި، ދައުވާއިން ދިފާއުވުމަށް، ދައުވާ ރައްދުވާ ފަރާތުން ހެކި ހުށަހެޅުމެވެ.
ކުރިކް ރިޒާގެ މައްޗަށް ދައުލަތުން ރ. ފުއްގިރި މައްސަލައިގައި ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވަނީ، "ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ" ކަމަށެވެ.
މި ފައިސާ ރައީސް ޔާމީންއަށް ލިބުމުގައި މެދުވެރިވެ، ކުށްކޮށްގެން ހޯދާފައިވާ އެ ފައިސާ ކުރިކް ރިޒާގެ އަތުގައި ބަހައްޓާފައިވާތީއާއި، އަދި އެ ފައިސާގެ ތެރެއިން 232،885 ޑޮލަރު ކުރިކް ރިޒާ ބޭނުންކޮށްފައިވާތީ، ކުރިކް ރިޒާ ބޭނުންކޮށްފައިވާ ފައިސާ ދައުލަތަށް ނަގައި ދިނުމަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވެއެވެ.
ބޭންކް އޮފް ސިލޯނުގައިވާ ކުރިކް ރިޒާގެ އެކައުންޓެއް މެދުވެރިކޮށް، 1 ސެޕްޓެމްބަރު 2015 އާއި 9 ސެމްޓެމްބަރު 2015 ވަނަ ދުވަހު ދެ ޗެކެއް މެދުވެރިކޮށް ކޮންސަލްޓަންސީ ފީގެ ގޮތުގައި ބުނެ އޮޅުވާލައިގެން ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެއެވެ.
ހިޔާނާތުގައި ހިމެނޭ ޑޮލަރު ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ސިޔާމުގެ ކުންފުންޏެއް ކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، އަދި ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުނެއެވެ. ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލަތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން، ރައީސް ޔާމީނާއި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.