ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 18:28
ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު އައިސީއޭއެމް ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު އައިސީއޭއެމް ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
އައިސީއޭއެމް ކައުންސިލް މެމްބަރުން
އެކައުންޓިންގ ދާއިރާގެ ވަޒީފާތަކަށް ދިވެހިން ހޮވުމަށް ރައީސް އެދިވަޑައިގަންނަވައިފި
ރައީސް ޞާލިހު ވަނީ އައިސީއޭއެމްގެ މެންބަރުންނާއި ހޯމަ ދުވަހު ބައްދަލުކުރައްވާފަ
މަތީ ތަޢުލީމުގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިންގެ ދާއިރާއަށް އަލިއަޅުއްވާލެއްވި

އެކައުންޓިންގެ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިންނަށް ހާއްސަ އިސްކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު އެދިވަޑައިގަންނަވައިފިއެވެ.

ރައީސް ޞާލިހު މިގޮތަށް އެދިވަޑައިގަންފައިވަނީ ހޯމަ ދުވަހު އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެކައުންޓިންގެ ދާއިރާގެ ޤާނޫނެއް ވުޖޫދު ކުރެވިފައި އޮތުމަކީ އެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، މިހާރު ސާރުކާރުން ފޯރުކޮށްދޭ މަތީ ތަޢުލީމުގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިންގެ ދާއިރާއިން ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކައުންޓިންގެ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ވެސް ދިވެހިންނަށް އިސްކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެ އިންސްޓިޓިއުޓް އުފެދުމަށްފަހު ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި އެ މަސައްކަތުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނާއެކު މި ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސޭހައާއި ކުރިއެރުން ލިބިފައިވާކަން އެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

- ކޮމެންޓް
30 ނޮވެންބަރ 2020 | ހޯމަ 18:53
އޭނަ މީނަ
ރައީސް ތިހެން ބުންޏަސް ތިޔަ ހިލޭ ފުރަތަމަ ޑިގްރީވެސް ނުލިބޭ ޕްރޮފެޝަނަލް ކޮލިފިކޭޝަން ކޮލިފިކޭޝަން ކިޔަވާ ކުދިންނަކަށް. މިކަން ހައްލު ކޮށްދީފިނަމަ ވަރަށް ރަނގަޅު.