މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ މީހުން ގުޅީފަޅަށް ގެންދަން ފަށައިފިއެވެ.
ރާއްޖެޓީވީއާ ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ރަޝީދު ވިދާޅުވި ގޮތުގައި މި މަސައްކަތް ފެށީ ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ މީހުން އިތުރުވުމާއި ގުޅިގެންނެވެ. މި މަސައްކަތް ކުރަމުންދަނީ ޖެންޑަރ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަދި ފުލުހުންނާއި އިތުރު ފަރާތްތަކެއް ގުޅިގެންނެވެ.
މަގުމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ފަރާތްތައް ބަދަލުކުރަމުން އަންނަނީ ފަރުކޮޅު ފެސިލިޓީއަށެވެ. އަދި އެ ފެސިލިޓީގައި އެ ފަރާތްތަކަށް ޑިޓޮކްސިފިކޭޝަން ފަރުވާދެމުން އަންނަ ކަމަށް އައިޝަތު ރަޝީދު ވިދާޅުވިއެވެ. އެގޮތުން އާދީއްތަ ދުވަހު ހަތަރު މީހުން ވަނި ފަރުކޮޅު ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މި މައްސަލަ ހައްލުކުރަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އާދިއްތަ ދުވަހު ސަރުކާރުގެ ބައެއް ކުންފުނިތަކާއި ބައްދަލުކޮށް، މިފަދަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ މަޝްވަރާތައް ކޮށްފައެވެ. އަދި ކުންފުނިތަކުން ވަނީ މިކަމަށް އެއްބާރުލުން ދޭން ނިންމާފައެވެ.
ޖެންޑަރ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ގުޅުމަށް އެދިފައެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން މަގުމަތިވެފައިވާ މީހުންގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ ފަރާތްތަކުގެ މައްސަލަތައް ހައްލުނުވާ މައްސަލައިގައި ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.