ކޮވިޑް ޖެހިގެން ބަލިން ރަނގަޅުވުމަށްފަހު އެ ހިނގާ ތިން މަސް ފަހުން ވެސް ޕޮޒިޓިވްވެދާނެ ކަމަށާއި، އަލުން ޓެސްޓް ކުރުމަކީ މުހިންމު ކަމެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިއަމޮލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މާލެ ސަރަހައްދުގައި އެކްޓިވް ސަރވައިލެންސްގެ ތެރޭގައި ޕީސިއާރު ސާމްޕަލް ނަގަން އެދުމުން ބަލިން ފަސޭހަވެއްޖެ ކަމަށާއި، ސާމްޕަލް ނަގަންޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ ބަލިޖެހިގެން ރަނގަޅުވުމަށްފަހު ބަލަނީ 3 މަސް ދުވަހަށް ކަމަށާއި، 3 މަސް ދުވަސް ފާއިތުވުމަށްފަހު އަނެއްކާ ވެސް ބައްޔަށް ހުށަހެޅި ބަލިޖެހިދާނެ ކަމަށެވެ.
އެހެންވީމަ އެމީހާގެ ސާމްޕަލް ނެގުން ވަރަށް މުހިންމުވާނެ. އެއީ ބަލަން ބޭނުންވަނީ ބަލި ނުޖެހި ހުންނަނީ 3 މަސް ދުވަސް ވަންދެންތޯ ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދޭތޭ ބެލުމަށް. އެހެންވީމަ އެފަދަ ބޭފުޅުން ވެސް ސާމްޕަލް ނެގުމަށް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުމަށް އެދެން. އަނެއްކާ ވެސް މާސްކް ރަނގަޅު ގޮތުގައި ނާޅާ މަންޒަރާއި ދަތްދޮޅިން ތިރީގައި މާސްކް ބަހައްޓާ މަންޒަރު ފެނިގެންދޭ. މިކަންތަކަށް ވެސް ސަމާލުކަންދީ އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާ ވަރަށް މާސްކް އެޅުން ވަރަށް މުހިންމު،ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިއަމޮލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ ކޭސްތަކުގެ އަދަދު މަދުވެފައި އޮންނަ ދުވަސްވަރެއްގައި އުމުރުން ދުވަސްވީ މީހުން ކައިރިއަށް ޒިޔާރާތްކުރަން ނުދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވީ ބަލީގެ ގޮތުން އޭ ސިމްޕްޓަމެޓިކް މީހުން ގިނަ ކަމަށެވެ. އެހެންކަމުން ހައިރިސްކް ކެޓަގަރީގައި ހިމެނޭ ފަރާތްތައް ރައްކާތެރިކުރުމަށް އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމު ކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ.