ދިވެހި ދައުލަތުން ނަގާ ލޯނާއި، ދޫކުރާ ސުކޫކްތަކުގެ ތަފްސީލްތައް ހިމެނޭ ކުއަރޓަރލީ ރިޕޯޓެއް މަޖިލީހަށް ފޮނުވަންޖެހޭ ގޮތަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް އެކުލަވާލި ކޮމިޓީ ރިޕޯޓަށް ހުށައެޅި އިސްލާހު ފާސްކޮށްފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މި ރިޕޯޓަށް ދެ ރެކޮމެންޑޭޝަނެއް އިތުރު ކުރުމަށް ހުށައަޅުއްވާފައެވެ.
ކޮމިޓީ ރިޕޯޓަށް ހުށައެޅުނު ރެކޮމެންޑޭޝަންތައް:
- ދައުލަތުން ނަގާ ލޯނާއި ސޮވްރިން ގެރެންޓީއާއި ދޫކުރާ ބޮންޑު އަދި ސުކޫކްތަކުގެ ތަފްސީލީ ރިޕޯޓެއް ކޮންމެ ކުއަރޓަރ އެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް
- ދައުލަތުން ސޮވްރިން ގެރެންޓީ ދީގެން ކުރިއަށްގެންދާ މަޝްރޫއުތައް މިނިސްޓްރީ އޮފް ފިނޭންސުން ރިވިއުކޮށް އެކަމާ ގުޅޭ ރިޕޯޓު ކޮންމެ ކުއަރޓަރއެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް
ހުށައެޅުއްވުންތަކާއި ގުޅިގެން ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވާން ޖެހޭ ތަނެއް ކަމަށާއި، އަދި މިފަދަ މައުލޫމާތުތަކަކީ މަޖިލީހުން ހޯދަން ޖެހޭ މައުލޫމާތު ކަމަށެވެ. އަދި އީވާ ވިދާޅުވީ މިއީ މަޖިލީހުގެ މިފަދަ ކަމެއް ކުރިއަށްދާނަމަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެނގެން ޖެހޭ ކަމަށް، އަދި މި ސުކޫކް ވިއްކުމަކީ އާމްދަނީއާއި ގުޅިފައިވާ ކަމަކަށްވާއިރު މިފަދަ މައުލޫމާތު އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ
މެމްބަރު ދެއްކެވި ވާހަކައަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ މައުލޫމާތުތައް އެނގުން މުހިއްމުވަނީ ހިސާބު ޖަހާ، ނުކުންނާނެ ނަތީޖާއެއް ދެނެގަތުމަށްޓަކައި ކަމަށެވެ.
ސަރުކާރުގެ ބޮންޑެއް ވިއްކާއިރުގައި އޭގެ އިންޓްރެސްޓުވެސް އަދި އެ ބޮންޑު ފްލޯޓު ކުރުމުގައި އެހީތެރިވާ ބައެއްވެސް އަދި އެ ބޮންޑު ފްލޯޓުކުރާ ދުވަސްވަރަކާ އަދި ފްލޯޓު ކުރެވިފައިވާ ނަމަ ގަތުމަށް ޝައުގުވެރިވާ ބައެއް ވޭތޯއާއި ގަތުމަށް ޝައުގުވެރިވަނީ ކޮން އިންޓްރެސްޓެއްގައިތޯ، މިބާވަތުގެ މައުލޫމާތަކީ އެ ހުރިހާ އެންމެނަށް ވެސް އެނގި، އަޅުގަނޑުމެން ހިސާބު ޖެހި، އޭގެއިން ނުކުންނާނެ ނަތީޖާތައް ކަށަވަރު ވެގެން ކުރިއަށް ދެވެންޖެހޭނެ މައުލޫމާތު. ދައުލަތެއް ރިސްކަކަށް ނުގެނެވޭނީ ރިސްކަށް އަންނާނެ މައުލޫމާތު އެންމެނަށް ސާފު ނުވަންޏާ. އަޅުގަނޑުމެންނަށް ސާފުކޮށް އެނގެން އެބަޖެހޭ ރިސްކަށްދޭތޯ ނުވަތަ ނޫންތޯރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް އެކުލަވާލި ކޮމިޓީ ރިޕޯޓު ފާސްކޮށްފައިވަނީ މި ރެކޮމެންޑޭޝަންތަކާއި އެކުއެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކާއި ގުޅޭ ކަންކަމުގެ މައުލޫމާތު ހޯދައިގެން ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ސަރުކާރުން ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަންޏާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނި ރީސްޓްރަކްޗަރ ނުވަތަ ރީ-ޕްރޮފައިލްކުރުމުގެ މަސައްކަތް ސަރުކާރާއި އެމްއެމްއޭއިން ލަސްނުކޮށް ފެއްޓުމަށް ދެންނެވުމަށް ނިންމާފައެވެ.