އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓުގެ ބަހުސް ކުރިއަށްދާއިރު، މި ބަހުސަށް މެމްބަރުންގެ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މި ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ މެމްބަރުންގެ އަދަދު މަދުވުމާއި ގުޅިގެންނެވެ. މީގެ ކުރިން، ބަޖެޓަށް ބަހުސް ކުރަމުން ދިޔަ ޖަލްސާތަކުގައި ވެސް މަޖިލީހުގެ ރައީސް ވަނީ މިކަން ފާހަގަކުރައްވާ ނުރުހުން ފާޅުކުރައްވާފައެވެ.
އާދީއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އެންމެ 18 މެމްބަރުން ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ 10:00 ގައި ބަންދުކުރައްވާނެ ކަމަށެވެ.
އަޅުގަނޑު މިއަދުގެ 10 ޖަހާއިރު ފުރުސަތު ބަންދުކުރަން ގަސްތު ކުރަން. އަޅުގަނޑަކަށް ނުފެނޭ ބަޖެޓުގެ ބަހުސްގައި އިއްޒަތްތެރި މެމްބަރުންގެ ޝައުގުވެރިކަމެއް ހުރި ކަމަކަށް. އިއްޔެގައިވެސް އިއްޒަތްތެރި މެމްބަރުންނެއް މި ބަޖެޓުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައެއް ނުގަންނަވާ. އެހެންވީމާ އަޅުގަނޑަށް ޖެހުނީ ހަމަ މިތަނުގައި އިންނަން. އެއީ މިކަމުގައި ރަނގަޅު ގޮތެއް ކަމަކަށް ނުދެކެން.މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ސަރުކާރުން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނެސްފައިވާއިރު، މެމްބަރުން ގެންދަވަނީ ތަޅުމުގައި ވެސް އިސްލާޙުތަކެއް ހުށައަޅުއްވަމުންނެވެ. ދައުލަތުގެ ބަޖެޓުގެ ފާސްކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި މި ހިނގާ ތިން ވަނަ ދައުރުވެސް ވަނީ ޑިސެމްބަރު 7 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.