އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޭޝިއަން އެކުޑަމީ އޮފް އެރޮނޮޓިކްސް އިން ހިންގަމުން އަންނަ ފްލައިން ސްކޫލުގެ ދަރިވަރުން ވަކި ކުރުމުގައި ޤަވާޢިދާއި ޚިލާފަށް އަމަލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުޞޫލުން ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ބުނީ ފްލައިން ސްކޫލުގެ ދަރިވަރުން ވަކި ކުރަމުންދާ މައްސަލަ މި މިނިސްޓްރީއާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.
ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ދައުލަތުގެ އިދާރާތަކާ ގުޅިގެން އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން ސްކޫލްގެ މެނޭޖްމަންޓާއެކު ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން މިދިޔަ ހަފުތާގައި އެ މިނިސްޓްރީއާއި ސިވިލް އޭވިއޭޝަންގެ އޮފިޝަލުން ހިމެނޭ ޓީމަކުން ފުލައިން ސްކޫލަށް ޒިޔާރަތްކޮށް އޯޑިޓް ކޮށްފައިވާ ކަމަށް މިިނިސްޓްރީން ބުނެއެވެ.
އަދި އޯޑިޓްގެ ޢަލީގައި ސްކޫލާއި ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.
ސްކޫލުން ވަކި ކުރަމުންދާ ދަރިވަރުންގެ މައްސަލަތައްވެސް މި މިނިސްޓްރީގެ ފަރާތުން ތަޙުޤީޤީ ނަޒަރަކުން ބަލަމުންގެންދާނެ ކަމަށާއި އެގޮތުން، ދަރިވަރުން ވަކި ކުރުމުގައި، ކަމާބެހޭ ޤަވާޢިދުތަކާއި އުޞޫލުތަކާ ޚިލާފުކަމެއްކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުޞޫލުން ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ބޭއިންސާފުން ދަރިވަރުންނާއި މެދު ޢަމަލުކުރުމަކީ އެ މިނިސްޓްރީން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މިނިސްޓްރީއާއި ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ އަމާޒަކީ ދިވެހިރާއްޖޭގައި އޭވިއޭޝަން ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތްތަކުގެ ކިބައިން ދިވެހި ދަރިވަރުންނަށް ފަހި ފުރުޞަތުތަކެއް ފޯރުކޮށްދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އަދި އައްޑޫ ފްލައިން ސްކޫލްގެ މައްސަލަ ޙައްލުކުރުމުގައިވެސް ޢަމަލު ކުރަމުންދާނީ އެ މަޤްޞަދު އަމާޒަކަށް ހަދައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.