ދުނިޔޭގެ ގިނަ ޤައުމުތައް ކޯވިޑް-19 ކޮންޓްރޯލް ނުކުރެވިގެން އުޅޭއިރު ޓައިވާންއިން ކޮވިޑް-19ގެ ކޭސްއެއް ނުފެންނަތާ 200 ދުވަސްވެއްޖެއެވެ.
23 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ޓައިވާން އަކީ މިވަގުތު ދުނިޔޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ ކާމިޔާބު އެއް ޤައުމެވެ.
މިހާތަނަށް އެ ޤައުމުގައި މި ބަލިޖެހިގެން 553 ކޭސްއެއް ރިޕޯޓު ކޮށްފައިވާއިރު އޭގެ ތެރެއިން 55 ކޭސްއަކީ ލޯކަލް ޓްރާންސްމިޝަން ގެ ކޭސްތަކެވެ. އަދި މި ބަލީގައި މަރުވެފައިވަނީ އެންމެ 7 މީހުންނެވެ. ޓައިވާންއިން މި ބަލީގެ ކޭސްއެއް އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މި ޢަދަދުތައް އެހާ އަވަހަށް ތިރިވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ އެހެން ޤައުމުތަކާއި ހިލާފަށް ލޮކްޑައުން އަކަށް ނުގޮސް ޤައުމުގެ ބޯޑަރުތައް ބަންދުކޮށްލުމުންނެވެ. އެ ގޮތުން އެގައުމުން އެޅި ފިޔަވަޅުތަކު ތެރޭގައި އެންމެ ފުރަތަމަ ކޮވިޑްގެ ކޭސް ފެނުނު ވޫހާން ސިޓީއިން އަންނަ ޕެސެންޖަރުން ސްކްރީން ކުރަން ފެށީ ކަމަށް އެގައުމާއި ހަވާލާދީ ސީއެންއެންއިން ބުނެފައިވެއެވެ.
އެގައުމުން ކުރި އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ވަރުގަދަ ކުރުމާއި ކަރަންޓީނުގެ ކަންކަން ވަރަށް ގާތުން ބެލުމާއި ހުރިހާ ހިސާބެއްގައިވެސް މާސްކު އެޅުން މަޖުބޫރުކުރުން ހިމެނެއެވެ.
އެ ޤައުމަށް 2003 ވަނަ އަހަރު ކުރިމަތިވި ސަރސްގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ ބަޔަކު ހޭލުންތެރިވެފައިވުން އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޓައިވާންގެ ފޮރިންގ މިނިސްޓަރ ޖޯސެފް ވޫ ސީއެންއެންއަށް ދިން އިންޓަރވިއު އެއްގައި ބުނެފައިވެއެވެ.
ޓައިވާންގެ ކުރީގެ ނައިބު ރައީސް އަދި އެޕިޑެމިއޮލޮޖިސްޓް ޗެން ޗިއެން ޖެން ވިދާޅުވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގ ހަރުދަނާ ކުރުމާއި ކަރަންޓީނުގެ ކަންކަން ގާތުން ބެލުމަކީ ކޮވިޑްއަށް އެޅެން އޮތް އެންމެ ރައްކާތެރި އެންމެ ރަނގަޅު ފިޔަވަޅުކަމަށެވެ.