ކޮވިޑް-19ށް މިއަދު ޕޮޒިޓިވްވީ 16 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 3 ބިދޭސީންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 13 މީހުންނެވެ. އަދި އަތޮޅު ތެރެއިންނާއި ރިސޯޓްތަކުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން 11،659 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 10،814 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ފަރުވާ ދެމުން އަންނަނީ 800 މީހުންނަށެވެ. މި 800 މީހުންގެ ތެރެއިން 55 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އަދި 251 މީހަކު ތިބީ އައިސޮލޭޝަންގައެވެ. ފާއިތުވެދިޔަ 24 ގަޑި އިރު ތެރޭގައި 1204 ސާމްޕަލެއް ނަގާ ޓެސްޓްކޮށްފައިވެއެވެ.
ހޮނިހިރު ދުވަހު ކޮވިޑް-19ގައި ދިވެއްސަކު ވަނީ ނިޔާވެފައެވެ. މިއާއެކު ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 38ށް އަރާފައެވެ.
އަތޮޅު ތެރޭގެ ކޭސްތަކަށް ބަލާ އިރު، 18 ރަށެއްގައި އެކްޓިވް ކޭސްތައް ހިމެނެއެވެ. މި 18 ރަށުގައި 28 މީހަކު ހިމެނޭ އިރު، އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 12 ބިދޭސީންނެވެ. 27 ރިސޯޓެއްގައި 35 ފަތުރުވެރިންނާއި 81 ސްޓާފުން ވަނީ ޕޮޒިޓިވްވެފައެވެ.
މި ވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ކަނޑިއްމަ ރިސޯޓް އެކަންޏެވެ. އެ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މީހަކު ނިޔާވެފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޑައިރެކްޓް ކޮންޓެކްޓް ވެފައެވެ.