ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ 60 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ އެމީހާ ނިޔާވެފައި ވަނީ ހުކުރު ދުވަހުގެ ރޭ 7:30 ހާއިރު ކަމަށެވެ. އެ މީހާއަކީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، މިއީ ކޮވިޑް ޖެހިގެން ނިޔާވި 38 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެންމެ ފަހުން ކޮވިޑް-19 ގައި މީހަކު ނިޔާވެފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮވިޑް-19 ގައި 38 މީހަކު ނިޔާވެފައިވާ އިރު، މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ރާއްޖޭގައި މީހުން ނިޔާވާ ރޭޓް ހުރީ 0.32 އިންސައްތައިގައެވެ. ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށިފަހުން އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ ޖުލައިމަހާއި އޮކްޓޫބަރު މަހާއި ދޭތެރޭގައެވެ.