މޯލްޑިވިއަންގެ އެހީތެރިކަމާ އެކު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށައިފިއެވެ.
އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. މި ހިދުމަތް ފަށާފައި ވަނީ އިންޑިއާގެ ގުޖުރާތުގެ އަހުމަދުއާބާދުންނެވެ. ސީޕްލޭންގެ ހިދުމަތް ފެށުމަށް އެގައުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ވަނީ ގޮސްފައެވެ. އަދި މި ހިދުމަތް ފެށީ މޯލްޑިިވިއަންގެ ސީޕްލޭންގެ ކްރޫންގެ އެހީތެރިކަމާ އެކުގައެވެ.
އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރުކުރީ ސްޕައިސްޖެޓުންނެވެ. ދުވާލަކު އަށް ދަތުރު ކުރާ އިރު މި ފްލައިޓުތަކަށް މީހަކަށް ޗާޖު ކުރާނީި 4800 ރުޕީސް ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ. އިންޑިއާގެ އަޙްމަދުއާބާދުން ގުޖުރާތުގައި އޮންނަ އަވަށެއް ކަމަށްވާ ކެވަޑިއާއަށް ދަތުރުތައް ކުރުމަށް ނިންމާފައިވާ އިރު، ކޮންމެ ދަތުރެއްގައި 14 ފަސިންޖަރުންނަށް ޖާގަ ލިބޭނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅަކަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާރޓަރ ކުރުމަކީ އިންޑިއާ އާއި ރާއްޖެ އާއި އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި، އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ސްޕައިސް ޖެޓް ކުންފުނިން މޯދީގެ ދަތުރުފުޅަކަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއް ޗާރޓަރކުރި ކުރުމަށް އިޝާރާތް ކުރައްވާ ރިޒްވީ ވިދާޅުވީ، އިންޑިއާ އިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ސީޕްލޭން ޗަރޓަރ ކުރެވޭނެ ކަމަށާއި، ސީޕްލޭންގެ ޚިދުމަތް ދެމުންގެންދާ އެތަށްގައުމެއް އޮތް ނަމަވެސް އަވައްޓެރި އިންޑިއާ އިން ރާއްޖޭގެ ގައުމީ އެއަރލައިން އިހްތިޔާރު ކުރިކަމީ ދިވެހިންނަށް ލިބިގެން ދިޔަ ފަހުރަކާއި ޝަރަފެއް ކަމަށެވެ.
ސްޕައިސްޖެޓްގެ މިދަތުރުގެ އިތުރުން، އިންޑިއާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެ ކަމަށާއި އެފަދަ މަޝްވަރާތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށް ރިޒްވީ ވިދާޅުވިއެވެ.
މޯދީގެ ދަތުރުފުޅަކީ ދެގައުމަށް ވެސް ވިންވިން ސިޓުއޭޝަނެކެވެ. މި ދަތުރާއެކީގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވުމުގެ އިތުރަށް ރާއްޖޭގެ މާސިންގާ ކަނޑުތަކުން ދިވެހިން ހޯދާ ތަޖުރިބާއަކީ ބޮޑެތި ގައުމުތަކުން އިޙްތިރާމުކުރާ އަދި ބަލައިގަންނަ ދަތުރަކަށް ވެގެންދާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.
އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ޚާއްސަ ދަތުރުފުޅުގެ ކަންކަމުގައި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ފާހަގަކޮށް ރިޒްވީ ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ކޮވިޑްގެ ހާލަތުން އަރައިގަނެވި އުންމީދީ މުސްތަގުބަލެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް ވިދާޅުވިއެވެ.