ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ރޫޓް ކުންފުނިން ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން ހުއްޓުވި ބޭންކް އޮފް ސިލޯންގެ ސެކިއުރިޓީ ގާޑް މުހައްމަދު ހަސަން މަނިކަށް އަގުވަޒަން ކުރުމުގެ ގޮތުން 50،000 ރުފިޔާ ދީފިއެވެ.
ހޮނިހިރު ދުވަހު ރޫޓްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ސެކިއުރިޓީ ގާޑުގެ އިތުރުން އެވަގުތު ވެހިކަލްގައި ތިބި ރޫޓްސް ކުންފުނީގެ ތިން މުވައްޒަފަށް ވަނީ 10،000 ދީފައެވެ. ފައިސާގެ އިނާމުގެ އިތުރުން ވަނީ ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ. މިތަކެތި ހަވާލުކޮށް ދެއްވީ ރޫޓްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ރާފިއުއެވެ.
މި ތަކެތި ހަވާލު ކުރުމަށް ފަހު އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ރާފިއު ވިދާޅުވީ އެފަދަ އަމަލުތައް ހުއްޓުވޭނީ ކޮންމެ ބޭފުޅަކު ވެސް ފަސް ނުޖެހި ކެރިގެން ކުރިމަތި ލުމުން ކަމަށެވެ.
އެ ދުވަހު ވެސް އަޅުގަނޑަށް ފެނުނު މަންޒަރަކީ އެންމެން ދުވީ ދުރަށް ދާން. އެ ހިފަހައްޓަން މަސައްކަތް ކުރިނަމަ ހަތަރު މީހުން ވެސް އެ ދުވަހު ހިފެހެއްޓުނީސް. ރޯމާ ދުވާލު ވަރަށް އޯޕަންކޮށް ހިނގިކަމެއް.ރޫޓްސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ރާފިއު
ސެކިއުރިޓީ ގާޑް އެ ވަގުތު ނެތް ނަމަ އެ ފައިސާއަކީ ގެއްލިގެންދާނެ ފައިސާއެއް ކަމަށް ރާފިއު ވިދާޅުވިއެވެ. މި ފައިސާ ފޭރުނު މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހޮނިހިރު ދުވަހު ފުލުހުން ވަނީ ބުނެފައެވެ.
މި ފައިސާ ފޭރުމަށް މަސައްކަތްކޮށްފައި ވަނީ 2020 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރުއެވެ. އަމަލީ ގޮތުން މި ފޭރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ވަނަވަރު އާއްމުކޮށްފައި ވަނީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.
ފުލުހުން ބުނި ގޮތުގައި މި ހަތަރު މީހުންނަކީ ވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންނެވެ.