އެންދަމަން އޮއްވާ "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު އެރި މައްސަލައިގައި އިތުރު 7 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ބުދަ ދުވަހުގެ ރެއިން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރާ ހަމައަށް ހަތް ދިވެހި ފިރިހެނުން ކޯޓު އަމުރުގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ނުވަ މީހެއްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ކުރިން ފުލުހުން ބުނެފައިވަނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ 11:55 ހާއިރު ލ. އަތޮޅުގެ އެތެރެވަރި، ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރުމުން، އެ ދޯނި ލ. ގަން ތުނޑިއަށް ކައިރި ކުރާކަން އެނގިފައިވާ ކަމަށާއި، ފުލުހުން ދޯންޏަށް ގޮސް ބެލި ބެލުމުން ދޯންޏަށް އިތުރުބަޔަކު އަރާފައިވާ ކަމަށާއި އިތުރު ބަޔަކު އެރި ނަމަވެސް މާރާމާރީއެއް ހިންގާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ގުރޫޕެއް ޝާމިލުވާގޮތަށް އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ، 22 ފަޅުވެރިން ތިބޭ "ފަސްކުރި" ދޯންޏަށެވެ. އަދި ދޯންޏަށް ބަޔަކު އެރީ އެންދަމަން ތިއްބާ ކަމަށާއި އޭގެ ތެރޭގައި 30 ވަރަކަށް މީހުން ތިބި ކަމަށްވެއެވެ. އަދި ދޯނި ގަމު ތުނޑިއާއި ކައިރި ކުރި އިރު ފުލުހުން ތިބި ކަމަށާއި، ނަމަވެސް އެ އެންމެންގެ ނަން ނޯޓު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އޭރު މައުލޫމާތު ލިބެއެވެ.