ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 13:24
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
އެމެރިކާގެ އެމްބަސީއެއް ހުޅުވުން
އެމެރިކާގެ އެމްބަސީއާއެކު ރާއްޖޭގެ ވިޔަފާރި އާއި އިގުތިސޯދު ކުރިއަރައިގެންދާނެ: ޝާހިދު
އެމްބަސީއެއް ހުޅުވުމަށް ނިންމުމަކީ ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ބަދަހިކަމެއް އަންނާނެ ކަމެއް
އެމެރިކާގެ ސަރުކާރުން ރާއްޖެއާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތް ވަރަށް ފުރިހަމައަށް އެނގިގެންދިޔަ ކަމެއް
އެމެރިކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައި

ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ގާއިމުވެގެން ދިއުމަކީ، ވިޔަފާރި އާއި އިގުތިސޯދީ ގޮތުން ދެ ގައުމުގެ ދެމެދު ހިންގޭ މުއާމަލާތްތައް މިހާރަށްވުރެ އިތުރުކުރުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ހުޅުވާނެކަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އިއުލާން ކުރައްވާފައިވަނީ ރާއްޖެ އާއި އެމެރިކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު، ދެ ގައުމުން ގުޅިގެން ދިން ޖޮއިންޓް ސްޓޭޓްމަންޓުގައެވެ.

މިބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އެމެރިކާގެ ދާއިމީ އެމްބަސީއެއް ހުޅުވުމަށް ނިންމުމަކީ ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ބަދަހިކަމެއް އަންނާނެ ކަމެއް ކަމަށާއި، އަދި އެއީ އެމެރިކާގެ މިއަދުގެ ސަރުކާރުން ދިވެހިރާއްޖެއާ ދޭތެރޭ ދެކެވަޑައިގަންނަވާގޮތް ވަރަށް ފުރިހަމައަށް އެނގިގެންދިޔަ ކަމެއް ކަމަށެވެ.

މިއަދު ދިވެހިރާއްޖޭގައި އޮތް ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތަށް މުޅި ދުނިޔޭގެ ނިސްބަތުންވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި އޮތް ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރަމުން މިގެންދާ މަސައްކަތަށް މުޅި ދުނިޔޭގެ ނިސްބަތުންވެސް ލިބުނު ކުރިއެރުމެއް މިއީ. އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އިތުރު ބަދަހި ކަމެއް އަންނާނެ. އެގޮތުން ދެ ގައުމުގައި އޮތް ވިޔަފާރި އާއި ރައްޔިތުންގެ ގުޅުމަށްވެސް އިތުރު ބަދަހިކަމެއް ލިބިގެންދާނެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

އެމެރިކާގެ ރެޒިޑެންޓް އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމި ނިންމުމަކީ ތާރީޚީ ނިންމުމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ދަތުރުފަތުރާއި، ކައުންޓަ ޓެރަރިޒަމާއި، ޑިފެންސް ފަދަ ދާއިރާތައް ކުރިއެރުވުމަށް ރާއްޖެއިން އެމެރިކާއާކު މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ކޮވިޑް-19 ގެ މި އުނދަގޫ ހާލަތުގައިވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދެ ގައުމުގެ ގުޅުމަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެއް ކަމަށާއި، ކޮވިޑް-19 އިން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އެމެރިކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

- ކޮމެންޓް