އިންތިޤާލީ އިންސާފުގެ ބިލްގެ މަސައްކަތުގެ ނަތީޖާއަކަށް ވާން ޖެހޭނީ މާޒީގެ އަނިޔާވެރިކަމަށް، ތަސައްލީއާއި ހަމަޖެހުން ލިބި، ގައުމައިގެން ކުރިއަށް ދިއުމަށް ހިންދެމިލާނެ ފުރުޞަތެއް ރައްޔިތުންނަށް މި ބިލުން ލިބިގެންދިއުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތިޤާލީ އިންސާފުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ މި ބިލްގައި ހިމެނޭ މުއްދަތާއި މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަން ކޮމިޓީ މަރުހަލާގައި ވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި، މި ބިލްގައި އެ މާއްދާއާއި ދޭތެރޭ ގޮތެއް ނިންމާފައި ނުވަނީ، ވީހާވެސް ފުޅާ މިނެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު މުއްދަތު ކަނޑައެޅުމަށް ކަމަށެވެ. އަދި މަދަނީ ކަންކަމަކީ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ކަނޑައެޅިފައިވާ ކަމަކަށްވާ އިރު، އެ ހައްގުތަކާއި އެކު މި ބިލް ޑްރާފްޓް ކޮށްފައިވާކަން އިމްތިޔާޒް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އިމްތިޔާޒް ވިދާޅުވީ މާލީ ބަދަލުގެ ގޮތުގައި މާޒީގައި ހިނގިހާ ކަންކަމަކަށް ބަދަލު ދިނުމަކީ ދައުލަތަކަށް ކުޅަދާނަ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ރަމްޒީ ސިފައެއްގައި ކޮންމެވެސް ބަދަލެއް ލިބުމަކީ ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބި ހަމަޖެހުން ގެނުވާނެ ކަމެއް ކަމަށް ދެކޭ ކަމަށެވެ.
މިފަދަ ބިލްގެ އެންމެ މުހިއްމު ކަމަކީ ހަޤީގަތާއި ހަމައަށް ވާސިލްވުންކަން ފާހަގަކުރަމުން އިމްތިޔާޒް ވިދާޅުވީ ވިކްޓިމްގެ އާއިލާތަކަށް ހަޤީގަތް އެނގުމަކީ ވަރަށް ބޮޑު ހައްގެއް ކަމަށާއި އަދި އެކަން މެދުވެރިވާންވީ ކިހިނެތް ކަމަކީ ވެސް ހައްޤަކަށްވާ އިރު މިފަދަ ހަޤީޤަތްތައް މުޅި މުޖުތައުއަށް ވެސް އެނގުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މިއީ މުޅި ރާއްޖޭގެ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ބިލެއް ކަމަށާއި ތެދާއި ހަމައަށް ވާސިލްވުމުން ލިބޭ ހިތް ހަމަޖެހުން މިފަދަ ބިލެއްގެ ޒަރީއާއިން ލިބިގެންދާނެ ކަމަށް ވެސް އިންތި ވަނީ ވިދާޅުވެފައެވެ.
އިންތިގާލީ އިންސާފުގެ ބިލް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފަހު ދައުރުއެވެ. އިންތިޤާލީ އިންސާފުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސި މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނގަނޑު އެކުލަވާލުމެވެ.
މި ޤާނޫނުގެ ދަށުން ފަރުދުންގެ މެދުގައި ޞުލްޙަކޮށް، މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސް ކަމަށް ޖާގަދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.