ހދ. ހަނިމާދޫގެ މަގުތައް ތާރު އަޅައިގެން ޒަމާނި ފެންވަރަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ އެރަށަށް ޒިޔާރަތްކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮޅި ވަޅުލުމުގެ މަސައްކަތާއި، ފެން ހިންދާ ނިޒާމުގެ ހުރިހާ މަސައްކަތެއް ނިންމާލެވިފައިވާ ކަމަށާއި، އަދި މިހާރު ދުވާރު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމު ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމު ކުރުމުގެ އިތުރުން 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް 46.7 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަަމަށް ލަފާ ކޮށްފައިވާ އިރު އެމްޓީސީސީ އާއި މި މަޝްރޫޢު ހަވާލު ކޮށްފައި ވަނީ 15 ޖޫން 2019 ގައެވެ.
މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ނިންމާ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތެއްގައި ހަމަޖައްސައި ދެއްވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްއާއި ރައްޔިތުންގެ ވެސް ހިޔާލާއި މަޝްވަރާ އާއި އެކީގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އާޒިމް ވިދާޅުވެފައި ވަނީ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ބަދަލުތައް ގެނައުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް އުނދަގޫވެ، އަގުބޮޑުވި ނަމަވެސް ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލުއި ފަސޭހަ ވާނެ ގޮތަކަށް މަގުތައް ހެދިގެން ދިއުން ކަމަށެވެ.
އެހެން ކަމުން އެމްޓީސީސީގެ އަމާޒަކީ ވެސް ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް އެންމެ ލުއިވާނެ ގޮތަކަށް އަދި އެންމެ ފަސޭހަ ވާނެ ގޮތަކަށް މަގުތައް ހަދާ ރައްޔިތުންނާއި ހަވާލު ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.