ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ނ. ހޮޅުދޫގައި މަސް ކެނޑުމަށް ހާއްސަ ތަނެއް ތަރައްގީ ކޮށްފިއެވެ.
މަހެއްގެ ބައްޓަމަށް ފަރުމާކުރެވިފައިވާ މި ތަނަކީ ފަސޭހަކަމާ އެކު މަސް ކަނޑަން ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑު ވެސް މިތަން ބޭނުން ކުރެވޭނެ ހެން ހުންނަނީ އަލިކޮށްފައެވެ. އަދި މި ތަނުގައި އެއް ފަހަރާ 8 މީހުންނަށް މަސް ކަނޑަން ތިބެވޭނެއެވެ.
ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް މިތަނުގައި އެކުލެވެއެވެ. މިއީ މަސްވެރިންގެ އިތުރުން ހޮޅުދޫގެ އާންމު ރައްޔިތުންނަށް ވެސް މަސް ކެނޑުމަށް ފަސޭހަ ވާނެ ހެން ތަރައްގީ ކުރެވިފައިވާ ހާއްސަ މަސް ކަނޑާ ތަނެކެވެ.
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މިއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅިގެން ދިޔަ ވަރަށް ތަފާތު ހުށަހެޅުމެއް ކަމަށެވެ. އަދި މި ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރެވުނު ތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސް ކެނޑުމާއި މަސް ވިއްކުމަށް ފަސޭހަ ވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގޭ ޕްރޮޖެކްޓް ތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށާއި ރަށްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް. މި ފުރުސަތުގައި މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަންބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު
ޕްރޮޖެކްޓް ކާމިޔާބު ކުރި އެމްސީއެފް ޖަމިއްޔާގެ ފަރާތުން މޫސާ ޝިމާއު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ހޮޅުދޫގެ ރައްޔިތުން މަސް ކެނޑުމަށް ބޭނުން ކުރަނީ ބަނދަރު މަތީގައި ހުންނަ ބާ މޭޒެއް ކަމަށާއި، މީގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ މަސްވެރިންނަށް ކުރިމަތިވާ ކަމަށެވެ.
މިކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު މި ޕްރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވުމަކީ އަޅުގަނޑުމެން ވަރަށް އުފާ ކުރާކަމެއް. މިއަދަކީ މިރަށުގެ ރައްޔިތުންނަށް ވަރަށް ހާއްސަ ދުވަހެއްޕްރޮޖެކްޓް ކާމިޔާބު ކުރި އެމްސީއެފް ޖަމިއްޔާގެ ފަރާތުން މޫސާ ޝިމާއު
މި އަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ވަނީ ބަހާލާފައެވެ.
ބީއެމްއެލްއިން ވަނީ ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައި ވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވާފައެވެ. ނަމަވެސް ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކައިރި މުސްތަގުބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުންކަން ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.