ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާ ކޮށް ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ދެ ދިވެހިންނެވެ. އެ ދެ މީހުންނަކީ ވެސް ފިރިހެނުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލައި ފާސް ކޮށްފައިވާ އިރު އެތަނުން އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފައި ހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައި ވެއެވެ.
މި އޮޕަރޭޝަނުގައި ފަސް ކާރެއް ބަލައި ފާސް ކުރި އިރު، އެތަނުން އެއް ކާރުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާލާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން އެ ކާރުން 34 ދަޅު ބިޔަރާއި ބޮގަރު ކަމަށް ބެލެވޭ އެއްޗެއް ހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައި ވެއެވެ.