ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 23:09
ކޮވިޑް-19ށް ޓެސްޓު ކުރުމުގެ ތެރެއިން
ކޮވިޑް-19ށް ޓެސްޓު ކުރުމުގެ ތެރެއިން
ނިއުސް ފަރސްޓް
ކޮވިޑް-19ށް ޕޮޒިޓިވްވުން
ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވްވީ 42 މީހުން!
37 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން
އަތޮޅު ތެރެއިން 5 މީހަކު ޕޮޒިޓިވްވެފައިވޭ
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1524 ސާންޕަލެއްގައި ނަނގާ ޓެސްޓުކޮށްފައިވޭ

ކޮވިޑް-19 އަށް އިތުރު 42 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް 42 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ ތެރެއިން 37 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން ކަމަށްވާ އިރު، އަތޮޅު ތެރެއިން 5 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އެއީ 27 ދިވެހިންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 15 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 931 އެކްޓިވް ކޭސް ހިމެނެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 340 މީހުން ތިބި އިރު 35 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 1524 ސާމްޕަލެއްގައި ނަގާ ވަނީ ޓެސްޓު ކޮށްފައެވެ.

މިހާތަނަށް ރާއްޖޭގައި ޖުމްލަ 11،358 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 10،383 މީހަކު ބަލިން ފަސޭހަވެފައި ވެއެވެ. ބަލީގައި ނިޔާވެފައި ވަނީ 37 މީހުންނެވެ.

މާލެ ސިޓީގެ އިތުރުން އަތޮޅު ތެރެއިން ވެސް ކޮވިޑްގެ ކޭސްތައް ވަނީ ފެނިފައެވެ. އެގޮތުން 21 ރަށަކުން، 23 ރިސޯޓެއްގައި މި ބަލީގެ އެކްޓިކް ކޭސްތައް އެބަހުއްޓެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ 30 މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 22 ފަތުރުވެރިން ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19 ގެ ކޭސްތައް މަދުވި ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައި ވެއެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

- ކޮމެންޓް