ވ. ރަކީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 58 އިންސައްތަ ނިންމާލައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 156 މީޓަރ ބޭރު ތޮށި ހެދުމާއި، 74 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރ އެއްގަމު ތޮށި ހެދުމާއި، 08 މޫރިން ބޮއެ ލުމާއި، 08 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރ ފުޅާމިނުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރާއި ނެރު ފުންކުރުން ހިމެނެއެވެ.
މި މަޝްރޫއަށް 18.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ތިން ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ވ. ރަކީދޫގައި އަރާ ފޭބުމަށް ހެދިގެންދާ ބަނދަރަކީ މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން އެރަށުގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫއެވެ.
ރަކީދޫގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މި މަޝްރޫއަކީ ޒަމާނުއްސުރެ ރަކީދޫގެ ރައްޔިތުން ދެކެމުން އައި ހުވަފެނެކެވެ.
ކުރިއަށް އޮތް ދޭއް ނުވަތަ ތިން މަސްދުވަހުގެ ތެރޭގައި މުޅި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ރަކީދޫ ކައުންސިލުން ބުނެއެވެ.
ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ރާއްޖެޓީވީއަށް މީގެ ކުރިން މައުލޫމާތުދެއްވަމުން ވިދާޅުވީ، ބަނދަރުގެ މަސައްކަތާއެކު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރެވެމުންދާނެ ކަމަށެވެ.
އެގޮތުން ބަނދަރު އަލިކުރުމަށްޓަކައި ބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުންވެސް މި މަޝްރޫއާއެކު ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބަނދަރާ ގުޅިގެން އެރަށުގައި ދޯނި އެހެލުމަށް ބޭނުންވާ ސަރަހައްދެއްވެސް ހެދިގެންދާނެ ކަމަށް އާދަން ސާމީ ފާހަގަކުރެއްވިއެވެ.